ރޯދަ މަސް ފެށުނު އިރު ބާޒާރުގައި ވިއްކަމުންދާ މޭވާ އާއި ތަރުކާރީގެ ތެރެއިން ކަރާ، ކުރުނބާ އަދި އޮރެންޖުގެ އަގުތައް އުފުލިއްޖެއެވެ.

ރޯދަ މަހު ލޯކަލް މާރުކޭޓްގައި މޭވާ އާއި ތަރުކާރީ ވިއްކަމުންދާ އަގުތައް 'ދަ ޕްރެސް' ޓީމުން މި ވަނީ މިއަދު ބަލާލާފައެވެ. މިއަދު ބާޒާރުމަތީގެ އަގުތަކަށް ބަލާލާއިރު، ރޯދަ މަސް ފެށުނު އިރު އެންމެ ގިނައިން މީހުން ގަންނަ މޭވާތަކުގެ ތެރެއިން، އޮރެންޖްގެ އަގު މި ވަނީ ރޯދަ މަސް ފެށުނު އިރަށް ވުރެ ބޮޑުވެފައެވެ. އެ ގޮތުން މިހާރު އޮރެންޖް ވިއްކަން ހުރީ 12 ރުފިޔާއަށެވެ.

އޮރެންޖްގެ އިތުރުން ރޯދަ މަސް ފެށުނު އިރު ކަރާ ކިލޯއެއް ވިއްކަމުން ދިޔަ އަގު ވެސް ވަނީ ބޮޑުވެފައެވެ. އެ ގޮތުން 20 ރުފިޔާއަށް ވިއްކަމުން ދިޔަ ކަރާގެ އަގު މި ވަނީ 25 އަށް އުފުލިފައެވެ. ހަމައެއާއެކު ރޯދަ މަސް ފެށުނު އިރު 80 ރުފިޔާއަށް ފެޝަން ފްރުޓް ކިލޯއެއް ލިބެން ހުރި އިރު މިހާރު އޭގެ އަގު ހުރީ 120 ރުފިޔާއަށް އުފުލިފައެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި މޭވާ އާއި ތަރުކާރީ ވިއްކަން ހުރި މީހެއް / ފޮޓޯ: ޢާއިޝަތު ޝާޒްލީން | ދަ ޕްރެސް

މިއަދު ބާޒާރުމަތީގައި މޭވާ އާއި ތަރުކާރީގެ އަގުތައް:

  • ގިތެޔޮ މިރުސް ކިލޯއެއް: 45 - 50 ރުފިޔާއާ ދެމެދު
  • ލުނބޯ ކިލޯއެއް: 55 ރުފިޔާއަށް
  • ކިއުކަންބާ ކިލޯއެއް: 80 ރުފިޔާއަށް
  • ކެރެޓް ކިލޯއެއް: 35 ރުފިޔާއަށް
  • ކަރާ ކިލޯއެއް: 25 ރުފިޔާއަށް
  • ދޮން އަނބު ކިލޯއެއް: 70 - 100 ރުފިޔާއާ ދެމެދު
  • ފެޝަން ފްރުޓް ކިލޯއެއް: 120 ރުފިޔާއަށް
  • ފޭރު ކިލޯއެއް: 80 ރުފިޔާއަށް
  • ފަޅޯ ކިލޯއެއް: 45 ރުފިޔާއަށް
  • ކުރުނބާ: 35 ރުފިޔާ އާއި 70 ރުފިޔާ ދެމެދު
ލޯކަލް މާރުކޭޓުގައި އާންމުން ވިޔަފާޜި ކުރަނީ / ފޮޓޯ: ޢާއިޝަތު ޝާޒްލީން | ދަ ޕްރެސް

މީގެ އިތުރުން ރޯދަ މަސް ފެށުނު އިރު ކުރުނބާގެ އަގު 25 އިން 35 ރުފިޔާއާ ދެމެދު ހުރި އިރު، މިއަދު ކުރުނބާގެ އަގު މިއުޅެނީ 35 ރުފިޔާއިން 70 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. 1.5 ލީޓަރުގެ ކުރުނބާ ފުޅިއެއްގެ އަގު އުޅެނީ 150 ރުފިޔާއަށެވެ.

https://vt.tiktok.com/ZSmXnMWDb/

ރޯދަ މަހުގެ ފަހުކޮޅަށް ދާ އިރު ކުރުނބާގެ އަގު އިތުރަށް އުފުލިގެން ދާނެ ކަމަށް ބައެއް މާރުކޭޓް ގޮޅިތަކުގައި ތިބި ވިޔަފާރިވެރިން ބުނެއެވެ. ކުރުނބާގެ އަގު އުފުލޭނެ ކަމަށް ލަފާ ކުރެވޭ ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނަނީ މި ވަގުތު ރާއްޖޭގައި ކުރުނބާ ލިބުން ދަތި ވަމުން ދިއުމެވެ.

ލޯކަލް މާރުކޭޓުގައި އާންމުންގެ މީހަކު ވިޔަފާރި ކުރަނީ / ފޮޓޯ: ޢާއިޝަތު ޝާޒްލީން | ދަ ޕްރެސް

އަގު ހެޔޮވެފައިވާ މޭވާ އާއި ތަރުކާރީއަށް ބަލާއިރު އާފަލާއި، ފޭރާއި، ލުނބޯ ހިމެނެއެވެ. އާފަލެއްގެ އަގު މި ވަނީ 7 ރުފިޔާ އިން 6 ރުފިޔާއަށް ހެޔޮވެފައެވެ. ފޭރު ކިލޯގެ އަގު ވެސް މި ވަނީ ކިލޯއެއް 85 ރުފިޔާ އިން 80 ރުފިޔާއަށް ހެޔޮ ވެފައެވެ. ހަމައެއާއެކު ލުނބޯގެ އަގު ވެސް މި ވަނީ ކިލޯއެއް 60 ރުފިޔާ އިން 55 ރުފިޔާއަށް ހެޔޮވެފައެވެ.

ރޯދަ މަސް ފެށުނު ފަހުން މިއަދާ ހަމައަށް އައި އިރު ދޮން އަނބުގެ އަގު ހުރީ ކުރިއެކޭ ދާދި އެއް އަގެއްގައި ހިފެހެއްޓިފައެވެ.