ހުޅުމާލެ ސެންޓްރޯ މޯލްގައި ފުރާވަރުގެ ކުއްޖަކަށް ހަމާދީފައިވާ ކަމުގެ މައްސަލައެއް ރިޕޯކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ހުޅުމާލެ ސެންޓްރޯ މޯލްގެ ތެރޭގައި ފުރާވަރުގެ(14 އަހަރުގެ) ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައެއް ނުވާ ކަމަށެވެ. އަދި އެފަަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެކަންތައް ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި، އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކުވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކުވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލުކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފަރުވާ ހޯދުމަށް ދައްކާފައިވޭތޯ ބެލުމުގެ އިތުރުން އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ވާނަމަ 3322111އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.