މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެރިޓް އެވޯޑު ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.

އެމްއޭސީއެލް މެރިޓް އެވޯޑަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރުންނަށް ދޭ އެވޯޑެކެވެ. މި އެވޯޑާއި އެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑާޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000ރ ގެ އެލަވެންސެއް އެއްއަހަރު ދުވަހަށް ދެއެވެ.

އަދި މި އެވޯޑު ލިބުނު ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލްގެ މެރިޓް އެވޯޑު ލިބުނު ދަރިވަރަކަށް އިނާމް ހަވާލު ކުރަނީ

މި އެވޯޑު ހަވާލު ކުރުމަށް ސީއެޗްއެސްއީގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ރަސްމިއްޔާތުގައި ސީއެޗްއެސްއީ އިސްވެރިންގެ އިތުރުން ގްރޭޑް 11ގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުން ބައިވެރިވިއެވެ.

މިއަހަރު އެވޯޑު ހާސިލްކުރި ހަތަރު ދަރިވަރުންނަކީ:

  1. އިބްރާހިމް ރިފާއު
  2. ހަސަން ލާޔާން މުހައްމަދު
  3. އަފާފް އަހުމަދު މުސްތަފާ
  4. އައިޝަތު އީޝަލް އަހުމަދު އަސްލަމް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ކުރިއަށް އޮތްތާގައި ކުންފުނީގައި ހުރި ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގެ ގޮތުން ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަކޮށް އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފްކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މި އެވޯޑުގެ އިތުރުންވެސް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ މުއްދަތަކަށް ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑަށް ހޮވޭ ދަރިވަރަށް ފައިސާގެ އިނާމު ދިނުމަށް އެމްއޭސީއެލް އިން ވަނީ ނިންމާފައެވެ. އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ދެކެއެވެ.