ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް 3000 މެންބަރުން ސޮއިކޮށްފިއެވެ.
ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީންގެ ނަމުގައި އުފައްދަވާ އެ ޕާޓީއަށް 3000 މެންބަރުން ހަމަވެފައިވާކަން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބިފައިވާއިރު މީގެ ކުރިން މަލީހު ވިދާޅުވީ އޭގެ 24 ގަޑިއިރުގެ ތެރޭގައި 3000 ފޯމު ހަމަކުރާނެ ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް އެ ޕާޓީއިން އީސީއަށް އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާއިރު މަލީޙު ވިދާޅުވީ ފޯމު ތަކުގެ އަދަދު 3000 އަށް މިހާރުވެސް އަރާފައިވާ ކަމަށާއި ދެން އޮންނާނީ ރަށްރަށުން އެ ފޯމުތައް މާލެ ގެނެސް ޕާޓީ އޮފީހުން ވެރިފައި ކުރުން ކަމަށެވެ. އަދި ބޭނުން ވަނީ ވީހާ ގިނަ ރަށަކުން ފުރަތަމަ 3000 ފޯމުގެ ތެރޭގައި ހިމެނުން ކަމަށް މަލީހު ވިދާޅުވިއެވެ.
ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ފޯމު ހަމަކުރެވޭނެ ކަމަށް އޭރު ވިދާޅުވި ނަމަވެސް ފޯމުތައް ހުށައެޅިފައި ނުވަނީ އީސީގެ އޮންލައިން ޕޯޓަލްގެ އެކްސެސް ނުލިބުމުން ކަމަށް މަލީހު ވިދާޅުވިއެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީއިން ދީފައިވާ އިރު، ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރާކާތްތެރިވާ ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު، މުހައްމަދު މަލީހް ޖަމާލް، ލޯޔަރު އަހްމަދު އާސިފް އަދި ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ހުއްދަ އާ ހަވާލުވެ ވަޑައިގަތުމަށް އީސީއަށް ވަޑައިގެންފައެވެ.
ޕާޓީގެ މުއައްސިސްގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޔާމީންގެ އިތުރުން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޑރ. މުހައްމަދު ޖަމީލު އަހުމަދު, ކުރީގެ ސީޕީ ހުސައިން ވަހީދު, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް، ޑރ. ޖިހާދު ހަސަން، ކަކާގޭ އަލީ އާދަމް އަދި ޔާމީންގެ ދަރިކަލުން ޒެއިންއެވެ.