ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު އަބްދުއްރަހީމަށް ތޫނު އެއްޗަކުން ހަމަލާދީ، މަރާލި މައްސަލައިގައި ދައުވާކުރުމަށްފަހު ކުށް ސާބިތުނުވެގެން ދޫކޮށްލި ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް އޭގެ ފަހުން ތިން ފަހަރު ހައްޔަރުކޮށްފިއެވެ.

ޖުލައި 27، 2017 ގައި ހަވީރު ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ ބަޔަކު ގޮސް ނަދީމް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލަދީގެންނެވެ. ނަދީމަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުންނެވެ.

ނަދީމުގެ މަރުގެ މައްސަލާގައި ކުޑަކުއްޖަކު ހިމެނޭހެން ފަސް މީހަކަށް ދައުވާކުރި އޭގެ ތެރޭގައި މަފާޒު ހިމެނެއެވެ. މަފާޒުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއިރު ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ހުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށް އުފުލިއެވެ.

ދައުވާ ކުރުމަށްފަހު ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭތިއްބުމަށްފަހު އެ މީހުން ބަންދުން ދޫކޮށްލާފައި ވަނީ ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާ، ކުށް ސާބިތުވާ މިންވަރަށް ހެކި ނެތުމަށް ކަމަށް ބުނެ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް މިހާރު އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

އިސްތިއުނާފުގެ މަރުހަލާ ނިމެންދެން އެ މީހުން ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން ހައިކޯޓުން ވަނީ އެ އަމުރު ނެރެނުދީފައެވެ. އަދި އެ މައްސަލަ ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު މިއަދު އެ މައްސަލާގައި ކުރި ހުކުމުގައި ވަނީ ބަންދުގެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފައެވެ.

އެ މައްސަލާގެ ހުކުމްކުރުމުގެ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުސުއޫދު ވިދާޅުވީ އެ މައްސަލާގައި ދައުވާކޮށްފައިވާ ހަތަރު މީހުންނަކީ ކުށުގެ ރިކޯޑް އޮތް ފަރާތްތަކެއް ކަމަށާއި މަފާޒުއަކީ މޮނިކޮން އަމުރަކާ ހިލާފުވެގެން މީގެ ކުރި ދައުވާކޮށް ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވާކަމަށް ނިންމި ފަހުން 3 ފަހަރުމަތިން ހައްޔަރުކޮށް، އޭގެ ތެރެއިން 2 މައްސަލައެއްގައި އޭނާ ބަންދުކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރު ޑިސެންބަރު 22 ވަނަ ދުވަހުގެ 12:28 ހާއިރު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ގެންގުޅެ، އެތަކެތިން ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަފާޒު ހައްޔަރުކޮށްފައިވާއިރު މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ 1:30 ހާއިރު މަޖީދީ މަގު ސޮނީ ހާޑްވެއާ ކައިރިން މަފާޒު އިތުރު ބަޔަކާއެކު ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ އިންޒާރުދީ މާރާމާރީ ހިންގާ މުދަލަށް ގެއްލުންދިން ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަފާޒު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.

އޭގެ އިތުރުން މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ވަގުތެއްގައި އިތުރު މީހަކާއެކު މަޖީދީ މަގު ރެޑްވޭވް ފިހާރަ ކައިރީގައި ތޫނު ހަތިޔާރު ގެންގުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ބަންދުން ދޫކޮށްލި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ ބަންދުގައި ހުންނަން ޖެހޭ ނުރައްކާތެރި މީހެއް ކަމަށް ކަނޑައެޅުމާއެކު ޝަރީއަތް ނިމެންދެން މަފާޒު ބަންދުކޮށްފައެވެ. އެހެންކަމުން އެ މައްސަލާގައި މިހާރުވެސް މަފާޒު ހުރީ ބަންދުގައެވެ.