ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު އަބްދުއްރަހީމަށް ތޫނު އެއްޗަކުން ހަމަލާދީ، މަރާލި މައްސަލައިގައި ދައުވާކޮށް ސާބިތު ނުވެގެން ދޫކޮށްލި ހަތަރު މީހުންގެ ބަންދުގެ މައްސަލަ އަލުން ބަލަން ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ނަދީމް މަރާލި މައްސަލަ އާއި ގުޅިގެން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހިމެނޭހެން ދައުލަތުން ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ. އެގޮތުން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ހުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށް އުފުލިއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ދައުލަތުން ވަނީ އިސްތިއުނާފުގެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކޮށްދިނުމުގެ އަމުރެއް ނެރެ ދިނުމަށް ހައިކޯޓުގައި އެދިފައެވެ. އެހެންނަމަވެސް ހައިކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.

އެ މައްސަލާގައި ބަންދުގެ މައްސަލަ އަލުން ބަލައިދިނުމަށްއެކި ހައިކޯޓުގެ މައްޗަށް ހުކުމްކޮށްދިނުމަށްއެދި ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ވަނީ ހުކުމްކޮށްފައެވެ.

ފަނޑިޔާރު ހުސްނުސުއޫދު ވިދާޅުވީ ކުށުގެ ތުހުމަތުކުރެވޭ މީހުން ޝަރީއަތް ނިމެންދެން ދަށު ކޯޓުން ބަންދުކުރުމުން އެ އަމުރު ތަންފީޒު ކުރާނެ ގޮތްތައް ޖިނާއީ އިޖުރާތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ގާނޫނާއި ގަވާއިދުތައް އިސްތިއުނާފީ މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކުރާ ހާލަތުގައި ތަންފީޒުކުރަން ހުރަސް އެޅެނީ ކޮން ގާނޫނޫ އިޖުރާތެއް ނެތިގެން ކަމެއް ހައިކޯޓުން ކުރި އަމުރުގައި ބަޔާންކޮށްފައެއް ނުވާ ކަމަށެވެ.

ހުސްނުސުއޫދު ވިދާޅުވީ ބަންދުގައި ބައިތިއްބަން ޖެހޭ ހާލަތްތަކެއް ހުރެ އެކަން ތަންފީޒުކުރުމުގެ އިޖުރާތު ގާނޫނެއްގައި ނެތް ކަމަށް ބުނެ ބަންދުގެ އަމުރެއް ނެރެނުދިނުމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ. އަދި ބަންދުގައި ބަހައްޓަން ޖެހޭ ޒަރޫރީ ސަބަބު އޮތްކަން ނުވަތަ ނެތްކަން ބަލަންވާނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ތެރެއިން ކޮންމެ މައްސަލަ އެއްވެސް ވަކިން، އެ މައްސަލައެއްގެ ވަށައިގެންވާ ހާއްސަ ކަންކަމަށް ވަކިވަކިން ރިޔާއަތްކޮށްގެން ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލައަށް ބަލާއިރު އެމީހުންގެ މައްޗަށް ކުރެވެނީ ޖަމާއަތް ހަދައިގެން މީހަކު މަރާލުމުގެ ކުށްކަމަށްވާއިރު އެ މައްސަލައިގައި ހިމެނޭ ވަކިވަކި މީހުންގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލެއް ވަކިވަކިން ބެލެވިފައި އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވަނީ އެގޮތުގެ މަތިން ކޮންމެ މީހެއްގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ދެނެގަތުމަށްފަހު ވަޒަންކޮށްގެން އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް ހުކުމް ކުރައްވާފައެވެ.

އެގޮތަށް ހުކުމްކޮށްފައިވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޖުލައި 27، 2017 ގައި ހަވީރު ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ ބަޔަކު އައިސް ނަދީމް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލަދީގެންނެވެ. ނަދީމަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުންނެވެ.