ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އައްޑޫ ޕޮލިސް އެކަޑަމީ) ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން، ޕޮލިސް ކޮމިޝަނަރުގެ އޮފީހަށް އައްޔަންކޮށް، އެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު ޔޫނުސް ސޮބާހް ޕޮލިސް އެކެޑަމީގެ ވެރިޔަކަށް އައްޔަން ކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ވެރިޔާގެ މަގާމުގެ އިތުރުން ފުލުހުންގެ ތަރުޖަމާނުގެ މަގާމުވެސް ފުރުއްވާފައިވާ ޝިފާން ވަނީ މީގެ ކުރިން އައްޑޫ އާއި ފުވައްމުލައް ހިމެނޭ ރީޖަންގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ. އަދި އައްޑޫ ޕޮލިސް އެކަޑަމީއަށް ބަދަލުކުރުމުގެ ކުރިން ޝިފާން ހުންނެވީ ހެޑް އޮފް މާލެ އޭރިއާ 1 (މާލޭ ސިޓީ ޕޮލިސް)ގެ މަގާމުގައެވެ.
މީގެ އިތުރުން ޝިފާން ވަނި އިންޑިޔާގެ ހައިދަރުއާބާދުގައި ހުންނަ އެސްވީޕީ ނޭޝަނަލް ޕޮލިސް އެކެޑެމީގައި ހިންގާ އައިޕީއެސް ޕްރޮބޭޝަންސް ކޯސް ފުރިހަމަކޮށްފައިވާ ދިވެހި ފުލުހުން ހިމެނޭ ގޮތަށް "އައިޕީއެސް ޕްރޮބޭޝަނާސް – މޯލްޑިވްސް ޗެޕްޓާ" ގެ އެލަމްނައި ގްރޫޕުގެ އިންޓެރިމް ކޮމިޓީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކޮށްފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީއަށް ބަދަލުކުރި ޔޫނުސް، 2013 ވަނަ އަހަރު ފުލުހުންގެ ހިދުމަތުން އިސްތިއުފާ ދެއްވުމަށް ފަހުން އަލުން އެ ހިދުމަތާ ގުޅިވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.