ހުޅުމާލޭގައި އަނެއްކާވެސް މާރާމާރީއެއް ހިންގާ މީހަކު ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް-6 ގެ އެޕާޓްމަންޓެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވާއިރު މިއީ މާލެ ސިޓީގައި މިއަދު ހިންގި ދެވަނަ މާރާމާރީއެވެ.
މިއަދު މެންދުރު ދޭއް ޖަހާކަށްހާއިރު މާލޭ އޯކިޑް މަގުގައި ހުންނަ ރޫޓް ފިހާރަ ކައިރިގައި ވެސް ދެ މީހަކު ވަނީ މާރާމާރީ ހިންގާފައެވެ. އެ މާރާމާރީގެގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާ އަށް އެ މަންޒަރު އެރުމުން ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. އަދި އެ މާރާމާރީގައި އަނިޔާވި ފިރިހެނަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފާއިތުވި ދެ ހަފްތާއަށް ބަލާއިރު މާލެއާއި އައްޑޫ ސިޓީގައި މާރާމާރީ ހިންގުން އިތުރުވެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އައްޑޫ ސިޓީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ. އައްޑޫ ސިޓީގައި މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހުން ހައްޔަރު ކޮށްފައި ވެއެވެ.
ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާ އިރު، މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ މިއަދު މައުލޫމާތު ދީފައެވެ.
މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެންދަނީ ތަހުގީގު ކުރަމުންނެވެ.