މާލޭގައި މިއަދު މާރާމާރީއެއް ހިންގާ އެކަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ، އެ މާރާމާރީ ހިންގާފައި ވަނީ މިއަދު 2:11 ހާއިރު، އޯކިޑް މަގުގައި ހުންނަ ރޫޓް ފިހާރަ ކައިރިގައި ކަމަށެވެ. ދެ މީހެއްގެ ދެމެދުގައި ހިނގި އެ މާރާމާރީގެގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާ އަށް އެ މަންޒަރު އެރުމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި އެ މާރާމާރީގައި އަނިޔާވި ފިރިހެނަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ދެ މީހުންވެސް އެކަކު އަނެކަކު ގައިގައި އަތާއި ފައިން ތަޅާ މަންޒަރު ފެނެއެވެ. މާރާމާރީ ހިންގުމަށް ތޫނު ހަތިޔާރެއް ބޭނުން ކުރާ މަންޒަރު ނުފެނު ނަމަވެސް އެކަކު ފައިވާނުން ތަޅާ މަންޒަރު ފެނެއެވެ. އަދި އެކަކުގެ އަންނައުނު ވީދިފައިވާއިރު އެއްވެ ތިބި އާންމުން އެ ދެ މީހުން ދުރުކުރުމަށް މަސައްކަތް ކުރާ މަންޒަރުވެސް އެ ވީޑިއޯ ކްލިޕުން ފެނިގެންދެއެވެ.

ފާއިތުވި ދެ ހަފްތާއަށް ބަލާއިރު މާލެއާއި އައްޑޫ ސިޓީގައި މާރާމާރީ ހިންގުން އިތުރުވެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އައްޑޫ ސިޓީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ. އައްޑޫ ސިޓީގައި މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހުން ހައްޔަރު ކޮށްފައި ވެއެވެ.

ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާ އިރު، މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ މިއަދު މައުލޫމާތު ދީފައެވެ.

މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެންދަނީ ތަހުގީގު ކުރަމުންނެވެ.