ގއ. ވިލިނގިއްޔަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެެވެ.
ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުން ހުރިކަމަށް ބެލެވޭ ލޯންޗަކާ ކާރެއް ބަލައިފާސްކުރި އިރު 75 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ފޭދޫ ގެއެއްގައި ބަނގުރާ އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައިވެސް ބަނގުރާ ހަންތަކެއް ވަނީ ފުލުހުން ގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ 6 ހަން، 500އެމްއެލްގެ 2 ފުޅި އަދި ބަނގުރާ ކައްކަން ބޭނުންކޮށްފައި ހުރި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 4 ވަނަ ދުވަހު ދަންވަރު 1:18 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެތަކެތި ފެނިފައިވަނީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ހަދާފައި ހުރި ހަޓެއްގެ ތެރެއިން ކަމަށެވެ.
މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ދާ އިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.