މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމަނައިފިއެވެ.

19 ވަނަ މަޖިލީހުގެ ރައީސްގެ މަގާމުގައި ގިނަ ދުވަސްވަންދެން ހުންނެވި، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމުން މިހާރު އެއީ މަޖިލީހުގެ އާންމު މެންބަރެކެވެ.

އެހެންކަމުން މިއީ މަޖިލީހުގެ ކޮމިޓީއެއްގައި ނަޝީދު ހިމެނިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ނަޝީދު ހިމެނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓުންގެ ފަރާތުން މާފަންނު މެދު ދާއިރާ ތަމްސީލުކުރައްވާ އިބްރާހީމް ރަޝީދުގެ ބަދަލުގައެވެ. އަދި ޑިމޮކްރެޓުންގެ ފަރާތުން ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ އިލްޔާސް ލަބީބުގެ ބަދަލުގައި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި އިބްރާހީމް ރަޝީދު ހިމެނުމަށް ވަނީ ނިންމައިފައެވެ.

ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މި ބަދަލުތައް އިއުލާނުކުރައްވައިފައެވެ.

މިހާރު ކްލައިމެޓް ވަލްނެރަބަލް ފޯރަމް، ނުވަތަ ސީވީއެފްގެ އަމީންއާންމުގެ މަގާމު ފުރުއްވަމުން ގެންދަވާ ނަޝީދު، މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގައެވެ.