ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދުމުން 45 ދުވަހަށް އިބްރާހީމް ފައިހް ނިޒާމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ފައިހް ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރޭ ކްރާސާ ފިހާރާގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި މުހައްމަދު އަހްމަދް ދީދީގެ މަރުގެ މައްސަލައާ ގުޅިގެންނެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށް އެދިފައިވީ ނަމަވެސް ކްރިމިނަލް ކޯޓުން އަމުރު ނެރެދީފައި ވަނީ 45 ދުވުހަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާއިރު، އެ އޮފީހުން އެދިފައި ވަނީ 45 ދުވަހަށް ފައިހް ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވެފައި ވަނީ މަރުގެ ކުށުގައި ތުހުމަތުކުރެވޭ މީހަކު ބަންދުގައި ބަހައްޓައި ދިނުމަށް އެދިއްޖެނަމަ ބަލަން ޖެހޭނީ އެއީ އެ ކުށް އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭތޯ އާއި ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތުތައް ވުޖޫދުވޭތޯ ކަމަށެވެ. އަދި މި މައްސަލާގައި 2 ޝަރުތު ފުރިހަމަ ވާއިރު، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުން ނޫން އެހެން އިހްތިޔާރެއް ފަނޑިޔާރަށް ލިބިގެން ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވާއިރު، ހައިކޯޓުން ވަނީ އެ އަމުރު ބާތިލް ކޮށްފައެވެ. އަދި މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ފައިހްގެ ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދި ކަމާ ބެހޭ ކޯޓަށް ހުށަހަޅައިފިނަމަ، އޭނާ ބަންދު ކުރުމާމެދު ގޮތެއް ނިންމުމަށް ވެސް ހައިކޯޓުން ވަނީ އަންގާފައެވެ.

ގްރޫޕް ހަދައިގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފައިހް ހޯދަން ފުލުހުން ފުރަތަމަ އިއުލާނުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ގައެވެ. ފިލައިގެން އުޅުމަށްފަހު ފައިހް ވަނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސްފައެވެ.