ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޝަރީއަތްތައް އަވަސްކުރުމާއި އަދުލު އިންސާފަށް ވާސިލުވުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން ހައި ކޯޓުގައި ތިއްބަވަނީ އިސްފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުންނެވެ. ނަމަވެސް އަލަށް ހުށަހެޅި އިސްލާހު ފާސްވެ އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އިތުރު ހަތަރު ފަނޑިޔާރުން އައްޔަންކޮށް، ބެންޗުގެ އަދަދު 15 އަށް އިތުރުކުރަން ޖެހޭނެއެވެ.

ބިލުގައި ހިމެނޭ އިތުރު މުހިންމު އިސްލާހުތަކުގެ ތެރޭގައި ޝަރުއީ ދާއިރާގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައި ކޯޓުތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމަށް، އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ ވަކި ކައުންސިލެއް އުފެއްދުން ހިމެނެއެވެ. އަދި ކޮންމެ އަހަރަކު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ މަދުވެގެން 2 ޕަސެންޓް ޝަރުއީ ދާއިރާގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅައި ދޫކުރުމަށްވެސް ވަނީ މި ބިލުގައި ހިމަނާފައެވެ.

މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ޝަހުސެއްގެ ގޮތުގައި ކަނޑައެޅުމަށްވަނީ ހިމަނާފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައާއި މަޖިލީހުން ބޭރުގައި ކޯޓުގެ ހުރުމަތް ކަނޑައިފިނަމަ، 25،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހާއި ތިން މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ދިނުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.

މި ބިލާއެކު މެޖިސްޓްރޭޓް ކޯޓުތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި ގާއިމުވެ ހުންނަ ފަނޑިޔާރަކު ތިން މަސް ތެރޭގައި އައްޔަންކުރުމާއި، ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލައި، އެ ކޯޓުގެ މަސައްކަތްތަކާއި މުވައްޒަފުން ޑީޖޭއޭގެ ދަށަށް ބަދަލުކުރުމަށްވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޖުޑީޝަލް ދާއިރާތަކުގައި ރަޖިސްޓްރާއިންނާ، އެސިސްޓެންޓް ރަޖިސްޓްރާއިން އައްޔަންކޮށް، އެ ފަރާތްތައް އުއްތަމަފަނޑިޔާރަށް ނުވަތަ އިސްގާޒީއަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.