އައްޑޫ ސިޓީއަށް ވައިގެ މަގުން ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެކު އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަދުވަހުގެ ރޭ 1:55 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޑޮމެސްޓިކް ފްލައިޓުން ގަމަށް އައި ވަގުތު އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ގާއިމުވެ ތިބޭ ނާކޮޓިކްސް އިންޓެލިޖެންސްގެ ފުލުހުންނާ، ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.