ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެކޭ ބުނާތީ އަބަދުވެސް އަޑުއަހަމެވެ. އުމުރު ދޮށީ ވަމުން އައި ވަރަކަށް ކައިރީގައި އުޅޭ ރަހުމަތްތެރިންނަށްވެސް މިކިޔާ ލޯބި ހުރީ އެކި ފަހަރުގެ މަތިން އެކި މީހުން ދެކެ ވެވިފައެވެ. ބައެއް މީހުން ބުނާގޮތުގައި ހަގީގީ ލޯބި ވެވޭނީ ހަޔާތުގެ އެންމެ ފަހަރަކުއެވެ. އަނެއްބައި މީހުން ބުނާގޮތުގައި ތިން ހަތަރު މީހުންދެކެވެސް ހަގީގީ ލޯބި ވެވިދާނެއެވެ. ކޮންމެއަކަސް ލޯބި މި ލަފްޒު މާނަ ކުރުމުގައި އެކި މީހުންގެ ހިޔާލު ތަފާތެވެ. ނަމަވެސް ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ނޮވެމްބަރ" ފިލްމުގައި ލޯބި މާނަކޮށްދޭގޮތް ފުރިހަމަވެފައި ލޯތްބެވެ. ހަމަގައިމުވެސް މިއީ ދިގު އިންތިޒާރެއްގެ ނިމުމެވެ. 2019 ވަނަ އަހަރު ސިނަމާއަށް ގެންނަން ތާވަލްކޮށްފައި އޮތް މި ފިލްމު އެކި ސަބަބުތަކަކާ ހުރި ޑިލޭ ވަމުން ގޮސް ހަތަރުވަރަކަށް އަހަރަށް ޑިލޭވެގެން ވަނީ ގޮއްސައެވެ. އެ ކުންފުނީގެ އެންމެ އަގުބޮޑު ފިލްމު ހަގީގަތުގައި ވެސް "ޖަވާހިރެއް" ކަން އެނގެނީ ފިލްމު ބެލުމުންނެވެ.

ފިލްމު ޕްރިމިއާ ޓިކެޓް ފިލްމު އެޅުވުމުގެ 15 ވަރަކަށް ދުވަސް ކުރިން ލިބުނެވެ. މާކުރިން އޮތީ އެކުގައި ފިލްމު ބަލަން ދާނެ ރަހުމަތްތެރިން ކަނޑައަޅާފައެވެ. ހުސްވެސް ޑާކްރެއިން ފިލްމުތަކުގެ ފޭނުންނެވެ. ކާން ގެންދާނެ އެއްޗެއްސަށް ދަންދެން މަޝްވަރާކުރީމެވެ. ކޮލެޖުގެ އިމްތިހާން ދުވަސްވަރެއް ކަމަކު ފިލްމު ބަލަން ދާން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. ނުކިޔަވާ ވެސް ފިލްމު ބަލަން ދެވޭތޯ ބެލީމެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ. ރާއްޖޭގެ ކުޅަދާނަ އެކްޓަރު އިސްމާއިލް ވަޖީހު ޒަމާންގަނޑަކަށްފަހު ފިލްމަކުން ފެންނަ ފުރަތަމަ ފަހަރު ކަމަށް ވުމުންނެވެ. ފިލްމަށް އެހާ ދިގު އިންތިޒާރެއް ކުރަންޖެހުމުގެ ސަބަބުންނެވެ.

  • މައިގަނޑު ތަރިން

މަރިޔަމް މަޖުދާ (އަމީރާ)، ޖުމައްޔިލް ނިމާލް (ޔަމާން) އަދި އިސްމާއިލް ވަޖީހު (ސޭމް) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ޗާޓަޑް އެކައުންޓަންޓަކަށްވުމަށް ޑިގްރީ ފުރިހަމަކުރުމަށް ސިންގަޕޫރަށް މިސްރާބުޖަހާ ޔަމާން އަށް މާލޭ އެއާޕޯޓުން އަމީރާ އާ ދިމާވެއެވެ. ފްލައިޓް ތެރޭގައި ދިމާވާ މަޖާ ކަމެއްގެ ސަބަބުން ޔަމާނަށް، އަމީރާ ގާތު އިށީންނަން ޖެހުނެވެ. އެއީ ޔަމާން އާއި އަމީރާގެ ވާހަކައިގެ ފެށުމެވެ. ދިވެހި ބަހަށް ލޯބިކުރާ އަމީރާ އަކީ ދިވެހި ޓީޗަރެއްވެސް މެއެވެ. ކޮންފަރެންސަކަށް އޮސްޓްރޭލިއާ އަށް ދާންޖެހޭ އަމީރާ އާއި ޔަމާންގެ ގުޅުން ބަދަހިވެގެންދިޔައީ އަމީރާގެ ފްލައިޓް ކެންސަލްވުމުގެ ސަބަބުންނެވެ. ހާލުގައިޖެހިފައިވާ އަންހެނަކަށް އެހީތެރިވުމުގެ ގޮތުން ޔަމާން އޭނާގެ ބޮޑުބޭބެ ސޭމް އުޅޭ ގޭގައި އަމީރާ ބަހައްޓަން ނިންމީ އެއާލައިން އިން ފްލައިޓް ހަމަޖެހެންދެންނެވެ. ކޮންމެއަކަސް ޔަމާން އާއެކު އަމީރާ، ސޭމްގެ ގެއަށް ދަނީ އެހެން ގޮތެއް ނެތިގެންނެވެ. މި ކުޑަ ދުވަސްކޮޅުވެގެންދިޔައީ ދެމީހުންގެ ހިތުގައި އުމުރު ދުވަހަށް ހަނދާނުން ފޮހެނުލެވޭނެ ދުވަސްތަކަކަށެވެ. ސިންގަޕޫރުގައި ދެމީހުން ހޭދަކުރި އަގުހުރި ވަގުތުތަކުގެ ސަބަބުން ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވުނެވެ. ޔަމާން އާއި އަމީރާ ހަމަބިމަށް ތިރިވީ އެއާލައިނުން އަމީރާ އަށް ގުޅައި ފްލައިޓް ހަމަޖެހުނު ވާހަކަ ބުނުމުންނެވެ. އަމީރާ އެއާޕޯޓަށް ދިޔައީ ޔަމާނަށް ސިޓީއެއް ލިޔުމަށްފަހުއެވެ. އެއީ އެދެމީހުންގެ ލޯބި ތަގުދީރުގެ އަތްމައްޗަށް ދޫކޮށްލުމަށް އެދިއެވެ. އަމީރާ އަށް ގުޅަން މަސައްކަތް ނުކުރުމަށާއި ތަގުދީރުގައި ދެމީހުންގެ ނަން ލިޔެފައިވާނަމަ އެދުވަހަކުން ދެ މީހުން ބައްދަލުވާނެ ކަމަށް ބުނުމުން ޔަމާންގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. އެހާ ލޯބިން އުޅެފައި "ކޮމްޕްލިކޭޓަޑް" ނިންމުމެއް އަމީރާ ނިންމުމުން ޔަމާން ހުރީ ހިތްހަމަވެސް ނުޖެހިފައެވެ. ނަމަވެސް އެހުރިހާ ކަމަކަށް ހިތްވަރުދިނީ ޔަމާންގާތު ހުރި އޭނާގެ ބޮޑުބޭބެ ސޭމްއެވެ. ސޭމް ގަބޫލުކުރާ ގޮތުގައި ލޯތްބަކީ ތަގުދީރުގައި ލިޔެވިފައިވާ ކަމެކެވެ. އަނބިމީހާ މަރުވި ނަމަވެސް އެ ދުވަސްތައް ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ބުނެ އަނބިމީހާ ދެކެ އަބަދުގެ އަބަދަށް ލޯބިވާނެ ކަމަށް ސޭމް ބުނަމުން ގެންދިޔައެވެ.

ދުވަސްތަކެއް ފާއިތުވަމުން ދިޔަވަރަކަށް ޔަމާން ވެސް މަޑުމަޑުން ހަމައަކަށް އެޅެމުންދިޔައެވެ. ކެރިއަރު ބަދަލުކޮށް ފޮޓޯގްރަފީ ކިޔަވަން ފެށިއެވެ. އަދި އެއްވާހަކަ ނުބުނެވޭދޯއެވެ. އަމީރާގެ ސިޓީގައި އޭގެ އެއް އަހަރުފަހުން އައްޑޫގެ ރަނިން ހަނާ އިން އިރުއޮއްސޭ ވަގުތު ބައްދަލުކުރުމަށް ޔަމާން ގާތު އެދިފައިވިއެވެ. އަމީރާ އާއި ބައްދަލުކުރަންޖެހޭ ދުވަސް އައިއްސިއެވެ. ޔަމާން އުފަލުން އައްޑޫ އަށް ދިޔައީ އޭނާ އިންތިހާ އަށް ލޯބިވާ އަމީރާ އާ ބައްދަލުވެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އޭނާގެ ހިތް މާޔޫސްކަމުން ފުރާލިއެވެ. އަމީރާއެއް ނާދެއެވެ. އެނބުރި ސިންގަޕޫރަށް ގޮސް ކިޔެވުން ފުރިހަމަކުރުމަށްފަހު މާލެ އައިސް ޔަމާން އެންޖީއޯއެއްގެ ފޮޓޯގްރަފަރަކަށް މަސައްކަތްކުރަން ފެށިއެވެ. އެ މީހުން ޕްރޮޖެކްޓުގެ މަސައްކަަތަކަށް އޮފީސް ޓީމު ލާމަށް ދެއެވެ. އަދި އެކި ކަހަލަ ފަންނުވެރި ދިވެހި އަންހެނުންނާ އިންޓަވިއު ކުރަމުން ދިޔައެވެ. އެ ދަތުރަކީ ޔަމާންގެ ދިރިއުޅުން އަނެއްކާވެސް ބަދަލުކޮށްލި ދަތުރަކަށެވެ. ޔަމާނަށް އަމީރާ ފެނެއެވެ. ނަމަވެސް ޔަމާންގެ އަމީރާއެއް ނޫނެވެ. މުޅިން ތަފާތެވެ. ކުރިން އަބަދުވެސް ނަލަ ހެދިލާފައި ހުންނަ އަމީރާގެ ދިގު ފަން އިސްތަށިގަނޑުވެސް އޮތީ ކަރާ ހަމައަށް ބުރިކޮށްލާފައެވެ. މޫނުމަތިން މާޔޫސްކަން ފާޅުވެފައި ހުރިއިރު ދުނިޔޭގެ އެއްވެސް ކަމަކަށް އަމީރާގެ ޝައުގުވެރިކަމެއް ނެތެވެ. އަމީރާ އަށް ވީ ކިހިނެއްތޯ ބެލުމަށް ޔަމާން އަޒުމު ކަނޑައެޅިއެވެ. މިއީ ވާހަކައިގެ ކުންނު އައި ހިސާބެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން އަމީރާގެ ހަޔާތް އެފުށް މިފުށަށްޖެހެން ދިމާވާ ސަބަބު އެނގިގެން ދެއެވެ. އެ ސަބަބު ހޯދުމަށް ފިލްމު ބަލާލާށެވެ.

އަމީރާގެ ރޯލު ކުޅުނު މަޖޫ ވަރެއްނެތް!

މަޖޫ އަކީ އަބަދުވެސް ތަފާތު ރޯލުތަކުން ފެންނަ ބަތަލާއެކެވެ. ފިލްމުގައި ވެސް މަޖުދާގެ ކެރެކްޓާ ފުރިހަމައެވެ. ޑެލިވާކޮށްދީފައި ހުރި ގޮތް ވެސް ފުރިހަމައެވެ. މަޖޫ، އޭނާގެ ގޮތުގައި ފިލްމުން ފެނިގެންދިޔައެވެ. ރުޅިއައިސް މީހުންނާ ދިމާއަށް އެއްޗެހި ގޮވާލާ ދެތިން މަންޒަރެއް ފެނިގެންދިޔައެވެ. އެއީ މަޖޫގެ އެކްޓިންގެ މޮޅުކަން ފާހަގަކޮށްލެވުނު ސީންތަކެކެވެ. ހަމަގައިމުވެސް އަމީރާގެ ކެރެކްޓާ މަޖޫ ކުޅެދީފައި އެވަނީ އޭނާ އަށް ކުޅެވޭނެ އެންމެ ފުރިހަމައަށެވެ. ފިލްމުގެ ކޮންމެ މަންޒަރެއްވެސް އޭނާ ކުޅެފައިވަނީ ކުޅޭ ހިތުންކަން ފިލްމު ބެލުމުން އެނގެއެވެ. މަޖޫ އަށް ހަމަ ސާބަހެވެ.

އިސްމާއިލު ވަޖީހުގެ ކަމްބެކް!

މަންމަމެން އަބަދުވެސް ބުނާތީ އަޑުއަހަމެވެ. އޭރު ދިވެހި ސިނަމާގެ އެންމެ ވިދާލި އެންމެ މޮޅު ތަރިއަކީ އިސްމާއިލް ވަޖީހުއެވެ. އޭނާގެ ނެށުންތަކާއި އެކްޓްކުރުމުގެ ހުނަރުގެ ވާހަކައަކީ މަންމަމެންގެ ޖެނެރޭޝަން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެވެ. ފިލްމުގައި ބޮޑު ރޯލެއް ވަޖީހު ނުކުޅުނު ނަމަވެސް އޭނާ ނުލައި މި ފިލްމު ކާމިޔާބުނުވާނެ ކަން ގައިމެވެެ. ފިލްމުގެ ޕްރިމިއާ ނައިޓަށް ވަޖީހު ސީދާ ސިންގަޕޫރުން ރާއްޖެ އައެވެ. ޕްރިމިއާ ނައިޓްގައި ވެސް ހުރީ ދިވެހި ވަންތަކަށް ދައްކުވައިދޭ ހެދުމެއް ލާފައެވެ. ނަމަވެސް ވަޖީހު (ސޭމް) ގެ ޑައިލޮގްތައް ފިލްމުގައި އެހާ ދިވެހިވަންތައެއް ނޫނެވެ. ސިންގަޕޫރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެކަމަކުވެސް ޑައިލޮގްތައް ގިނައިން އިނގިރޭސި ބަހުން ކީ ނަމަވެސް ވަޖީހުގެ އެކްޓިން ހަމަ މޮޅެވެ. މަންމަމެންގެ ފޭވަރިޓަކަށް ވަޖީހުވާ ސަބަބުން ފިލްމުގައި އޭނާ ދައްކުވައިދިން އެކްޓުން އެނގެއެވެ.

ޓީމަށް ސާބަސް!

ފިލްމު ނޭޅުވި ހަތަރުވަރަކަށް އަހަރު އެމީހުންވެސް ކެތްކޮށްފިތާއެވެ. އަތުން މިލިއަނުން ރުފިޔާ ހޭދަކޮށް ފިލްމުގެ ޓީމުން ބޭނުންވީ ބެލުންތެރިންނަށް މޮޅު ފިލްމެއް ގެނެސްދިނުމަށެވެ. އަލީ ޝިފާއު އާއި އައިޝަތު ފުއާދު ތައުފީގަކީ ފިލްމުގެ ޑައިރެކްޓަރުންނެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި އަހްމަދު ތޮލާލެވެ. ޕްރޮޑިއުސަރަކީ މޮގާއެވެ. ފިލްމުގެ މަންޒަރުތަކުގެ ފުރިހަމަ ކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިޔާއެވެ. އެހާވެސް ފުރިހަމަވެފައި ޗާލެވެ. ދިވެހިވަންތައެވެ. ދިވެހިންނަކީ ހަގީގަތުގައި ވެސް ހާދަ ފަންނުވެރި ބަޔެކޭ ހިތަށް އެރިއެވެ. މާމަމެން ޒަމާނުގެ ދިރިއުޅުން ދައްކުވައިދިނެވެ. އައްޑޫ އަދި ލާމުގެ ހިތްގައިމު މަންޒަރުތައް ފިލްމުން ފެނިގެންދިޔައެވެ. ފިލްމުން ފެނިގެން ދިޔަ ހުރިހާ މަންޒަރުތަކެއްގެ ކޮލިޓީ އަށް ހަމަ ސަތޭކައެވެ. ހަމަ ދިވެހި ވަންތަ އުފެއްދުމެކެވެ. ފިލްމަށް އިތުރު ދިވެހިވަންތަ ކަމަށް ލިބިގެން ދިޔައީ މަޖުދާ ވެސް ދިވެހި ވަންތަ ޑައިލޮގްތައް ބޭނުންކުރީމައެވެ. ވަޖީހުގެ ޑައިލޮގްތައްވެސް ދިވެހިވަންތަކޮށްލި ނަމަ ފިލްމު އިތުރަށް ފުރިހަމަވީހެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ އާއި މިއުޒިކްގެ އިތުރުން އެޑިޓިންގެ ހުރިހާ ކަމެއްވެސް ފުރިހަމައެވެ. ފާހަގަކޮށްލެވެނީ ފިލްމުގެ މަންޒަރުތައް ޗާލުކަމެވެ. މި ފިލްމަކީ 2019 ވަނަ އަހަރަށް ތާވަލްކުރި ފިލްމެކެވެ. ފިލްމުގެ ކުންނު އައި ހިސާބުން ކައިރީ އިން ކުއްޖާ ފިލްމުގައި ދެން ކަންތައް ވާނެ ގޮތް ބުންޏެވެ. ކަންތައްވީ ވެސް އެހެންނެވެ. އެހިސާބުން ފެށިގެން ފިލްމުން ފެނިގެންދިޔަ ކަންތައްތައް ޕްރެޑިކްޓަބަލްއެވެ. ނަމަވެސް ސުވާލުމާކެއް ތެރޭގައި އިންނަންޖެހުނީ ޖުމައްޔިލަށް ފަހުން ވަމުން ދިޔަ ކަންތައްތައް ފެނިފައެވެ. ޖުމްލަކޮށް ފިލްމުގެ މަސައްކަތް ފުރިހަމައެވެ. ހަމަގައިމުވެސް އަހަރުގެ ފުރަތަމަ ފިލްމާއި އަހަރުގެ ފަހު ފިލްމު އެޅުވުމުގެ ޝަރަފު ލިބިގެން ދިޔައީ ޑާކްރެއިނަށެވެ. ފިލްމު ނިމިގެންދިޔައީ ބެލުންތެރިންގެ ތަރުހީބާއެކުގައެވެ. ފިލްމުގެ ޓީމަށް ސާބަހެވެ. ޑިސެމްބަރަށް ދޮންވެ ފައްކާވި "ނޮވެމްބަރު" ވަރެއް ހަމަ ނެތެވެ.