މިދިޔަ އޮކްޓޯބަރު މަހު ރިލީޒްކުރި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ބިބީ" އަނެއްކާވެސް އޮލިމްޕަހުގައި އަޅުވާގޮތަށް ހަމަޖެހިއްޖެއެވެ.

ޑާކްރެއިނުން ހޮރޯ ކޮމެޑީ ޖޯންރާ އަށް ތައްޔާރުކޮށްފައިވާ މިފިލްމުގެ ފަހު ދެ ޝޯ މި މަހުގެ 19 އަދި 20 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި އެޅުވުމަށް ނިންމާފައިވާއިރު ޑާކްރެއިނުން އަންނަނީ މި ދެ ޝޯގެ ޓިކެޓް މިހާރު އޮލިމްޕަހުގައި ވިއްކަން ފަށާފައެވެ.

ބިރުވެރި މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު (އާރްޖޭ) ޝަހުދާ މަހްމޫދު ޑައިރެކްޓްކުރި ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމުގައި ޝީލާ ނަޖީބު އަދި އަހުމަދު ސައީދުގެ އިތުރުން ފުބޫ އަދި އަމާން ވަނީ މުހިއްމު ރޯލުތަކެއް އަދާކޮށްފައެވެ.

މި ފިލްމަކީ ޑާކްރެއިނުން ގެނެސްދޭ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެކެވެ. ހަމައެއާއެކު މި ފިލްމަކީ ޝަރަފް އާއި މަޖޫ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. މި ފިލްމުވަނީ އަތޮޅުތަކުގެ އިތުރުން ރާއްޖޭން ބޭރު ގައުމުތަކުގައި ވެސް އަޅުވާފައެވެ.