ގައުމުގެ އަމަން އަމާންކަން ގެއްލިގެން ދަނީ ފުލުހުންގެ އިސްވެރިޔަކު ނެތުމުން ކަމަށް ތުހުމަތު ކޮށް އަމަން ބެލެހެއްޓުމަށް ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަން ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގައިމު ނުކުރެވުމަކީ އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމްޑީޕީއިން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އަމާން ރާއްޖެއެއްގެ ހިޔާ ދަށުގައި، ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ ކަން ފާހަގަކޮށް އެމްޑީޕީން ބުނީ، މާޒީގައި ވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށް ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔަ ކަމަށާއި މި ސަރުކާރުގެ އަމަލުތައްވެސް ހުރީ އެ މަގުން ކަމަށެވެ.

އެމްޑީޕީން ބުނީ، މިއަދާ ހަމައަށް ވެސް ގައުމުގެ އަމަން ބެލަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާ ކަމަށާއި މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެއް ކަމަށެވެ.

ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު ކަމަށާއި އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމަށް ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ވަނީ، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށް ގޮވާލަފައެވެ.