އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 09:20 ހާއިރެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި ވަނީ ހަރަކާތްތެރިވެފައެވެ.
އެ މައްސަލައާ ގުޅިގެން އެ ރަށު ބްލިސް ގެސްޓް ހައުސްގައި މަސައްކަތް ކުރަމުންދިޔަ 30 އަހަރުގެ ސްރީލަންކާ އަންހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން އިއްޔެ މާލެ އައިސް، ސްލީލަންކާއަށް ފުރަން ގޮސް ހުއްޓާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ފުރަތަމަ ފެނިފައިވަނީ އިއްޔެ ހެނދުނު ކުނިކޮއްޓަށް ދިޔަ އެތަނުގެ ބިދޭސީ މުވައްޒަފަކަށެވެ. އެ ކުއްޖާ ފެނުނު މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އަށް ކިޔައިދިން ގޮތުގައި އެ ކުއްޖާ އޮތީ ކުނި އުކާލަން ބޭނުންކުރާ ކަޅު ކޮތަޅަކަށްލާފައި ކަމަށާއި އެ ކުއްޖާގެ ފޫޅު ވެސް ނުކަނޑާ ކަމަށެވެ.
އެ ކުއްޖާ ވިހޭތާ މާގިނަ އިރުވެފައި ނުވާނެކަން ފާހަގަކުރަމުން އެ މީހާ ބުނީ ބެލެވޭ ގޮތުގައި އެންމެ އަވަހަށްވެސް އެކަން ކޮށްފައިވަނީ ރޭގެ ދަންވަރު ނުވަތަ އެއަށްވުރެ ފަހުން ކަމަށެވެ