މަސްތުވާތަކެތި މައްސަލާގައި ދައުވާތަކެއް އުފުލި ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ހަތަރު މީހުން މިނިވަންވި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓާއި އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފައި ވަނީ ފެބްރުއަރީ 13، 2021 ވަނަ ދުވަހުއެވެ.

ޕެސްޓްގެ މައްޗަށް ދައުލަތުން ކެނަބިސްއާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެއްގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

އެ މައްސަލާގައި ހައްޔަރުކުރި މުހައްމަދު ސުއިދުގެ މައްޗަށް ޑައިމޯފިންއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއާއި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ.

އެ މައްސަލާގައި ހައްޔަރުކުރި އަހްމަދު ހުޝާމްގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އަހްމަދު ޝައްމޫންގެ މައްޗަށް އުފުލާފައިވަނީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ދައުވާއެވެ.

އެ މައްސަލާގައި މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވަނީ އެ މީހުން އެ ކުށަށް އިންކާރުކުރުމާއެކު އެ ދައުވާތައް ސާބިތުކުރެވޭ މިންވަރަށް ހެކިލިބިފައި ނުވާތީ ކަމަށް ނިންމާފައެވެ.