އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ކަމަށް ތުހުމަތުކުރެވޭ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ހިފަހައްޓާ ހައްޔަރު ކުރަން މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

އެކަން "ދަ ޕްރެސް" އަށް ކަށަވަރު ވެފައި ވާއިރު އެ މައްސަލާގައި ހައްޔަރު ކުރަން މަސައްކަތް ކުރަނީ 30 އަހަރުގެ ސްރީލަންކާ އަންހެނެކެވެ.

އެ އަންހެން މީހާއަކީ އެ ރަށުގެ ބްލިސް ގެސްޓް ހައުސްގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއްކަން ވަނީ އެނގިފައެވެ.

އެ ހާދިސާއާ ގުޅިގެން މިއަދު ހެނދުނު ފުލުހުން ބުނީ ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށާއި އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މައުލޫމާތު ދިނެވެ.

އެ ކުއްޖާ ފުރަތަމަ ފެނިފައިވަނީ މިއަދު ހެނދުނު ކުނިކޮއްޓަށް ދިޔަ އެތަނުގެ ބިދޭސީ މުވައްޒަފަކަށެވެ. އެ ކުއްޖާ ފެނުނު މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އަށް ކިޔައިދިން ގޮތުގައި އެ ކުއްޖާ އޮތީ ކުނި އުކާލަން ބޭނުންކުރާ ކަޅު ކޮތަޅަކަށްލާފައި ކަމަށާއި އެ ކުއްޖާގެ ފޫޅު ވެސް ނުކަނޑާ ކަމަށެވެ.

އެ ކުއްޖާ ވިހޭތާ މާގިނަ އިރުވެފައި ނުވާނެކަން ފާހަގަކުރަމުން އެ މީހާ ބުނީ ބެލެވޭ ގޮތުގައި އެންމެ އަވަހަށްވެސް އެކަން ކޮށްފައިވަނީ ރޭގެ ދަންވަރު ނުވަތަ އެއަށްވުރެ ފަހުން ކަމަށެވެ