އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގައި 4 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކުރި 4 މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާ، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނަކަށެވެ. އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާދެމުން އަންނައިރު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފުލުހުންގެ ހާއްސަ ޓީމުތަކެއް ފޮނުވަމުން ދާ ކަމަށް އިއްޔެ ފުލުސް އޮފީހުން ވަނީ ބުނެފައެވެ.

އިއްޔެ ރޭ ހިންގި އެ މާރާމާރީގައި ހަމަލާ އަމާޒުވި މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން އެ އިދާރާއިން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މާލެއިން އިތުރު ޓީމުތަކެއް އައްޑުއަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަަށް ފުލުހުން ބުނެފައި ވެއެވެ.

އަދި އެ މާރާމާރީ އާ ގުޅުން ހުރި ފަރާތްތައް ހޯދާ ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުުހުން ބުނެފައި ވެއެވެ.