މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ޕާޓީގެ ޓިކެޓް ދޭން އެމްޑީޕީން ނިންމައިފިއެވެ.
އެ ޕާޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ މަގާމްތަކަށް ޝައުގުވެރިކަންފާޅު ކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ކޮންމެ ދާއިރާއަކަށްވެސް އެއް ކެންޑިޑޭޓަކު ކަމަށެވެ.
އެހެން ކަމުން އެ ފަރާތްތަކަށް ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓް ހަވާލު ކުރަން ނިންމާފައިވާ އެ ޕާޓީން ބުނެއެވެ. ކައުންސިލްގެ މަގާމުތަކަށް ނަން ހުށަހެޅުއްވި ފަރާތްތަކަކީ:
މާލޭގެ މޭޔަރު
- އާދަމް އާޒިމް – މ. ސީނުކަރަންކާގެ / މާލެ
މެދު ހެންވޭރު ދާއިރާ
- އަހުމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
ހެންވޭރު ދެކުނު ދާއިރާ
- ހައްވާ ނިހްލާ – ހ. ތަރަބޫޒުގެ / މާލެ
މާފަންނު ދެކުނު ދާއިރާ
- އަހްމަދު އިމްރާން – މ. ފަޅުމަތީގެ / މާލެ
މާލޭ ސިޓީގެ މޭޔަރު ކަމަށް އާޒިމްގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވާދަކުރެއްވާނެ ކަމަށް މީގެ ކުރިން އިއުލާން ކޮށްފައިވީ ނަމަވެސް މަހުލޫފް އެ މަގާމަށް ކުރިމަތިލާފައި ނުވެއެވެ.
ހަމައެހެންމެ އެ މަގާމަށް ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ މަގާމަށް ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވާދަކުރައްވަން ނިންމަވާފައިވާއިރު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްއިން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވާދަކުރައްވައެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންފައިވާއިރު ހުސްވެފައިވާ މި ސަރުކާރުގެ މަގާމުތަކަށް އެ ކައުންސިލްގެ ތިން މެންބަރުން އައްޔަންކުރެއްވުމާ ގުޅިގެން އެ މަގާމުތައްވެސް ވަނީ ހުސްވެފައެވެ. މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.