އެމްޑީޕީގެ ބައެއް ކޮމެޓީތަކާ އެމްޑީޕީގެ ވަގުތީ ރައީސް، އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީން ބުނީ، ސޯލިހު ބައްދަލުކުރައްވާފައިވަނީ އެ ޕާޓީގެ ކެމްޕެއިން ކޮމިޓީ އާއި މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާ ގ. ނިއުޝާގައި ހުންނަ އެމްޑީޕީގެ އޮފީހުގައި ކަމަށެވެ.

ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެ ޕާޓީން ނުދެއެވެ.

މިއީ ރައީސް ސޯލިހް އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމަށް ހަމަޖެއްސުނުފަހުން ޕާޓީގެ ކޮމިޓީތަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ވަގުތީ ލީޑަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކޮށްފައިވަނީ، އެ ޕާޓީން މިދިޔަ ހަފްތާގައި ބޭއްވި ގައުމީ މަޖިލީހުންނެވެ.

އެމްޑީޕީން އަންނަނީ ކުރިޔަށް އޮތް މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނާއި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް ތައްޔާރުވަމުންނެވެ. އެ ޕާޓީން އަންނަނީ ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވުމަށްފަހު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ މަސައްކަތް ފަށައިފައެވެ.