އައްޑޫ ސިޓީ އިން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީގެ ހަތަރު އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓު އާންމުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 05، 2023 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލާފައި ވާކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ މި މުއްދަތު ތެރޭގައި ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށް، ގޯތީގެ ގުރުނެގުމުގެ ކުރިން ނުވަތަ ގޯތި ހަވާލުކުރުމުގެ ކުރިން ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރުގެ ވުޒާރާއަކުން ލިބޭ އެފަރާތްތަކުގެ ބޯހިޔާވަހިކަމުގެ މައުލޫމާތަށް ބިނާކޮށް، މި ލިސްޓުގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމުގެ ނުވަތަ ލިބިފައިވާ ޕޮއިންޓަށް އުނިއިތުރު އައުން އެކަށީގެންވާ ކަމެއްކަމުގައެވެ.
އިތުރަށް ކައުންސިލުން ބުނީ މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކޮށް، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް ކައުންސިލުން އާންމުކުރުމުގެ ކުރިން، މިހާރު ޝަރުތުހަމަވެ، ގޯތި ލިބޭ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނޭނަމަ، އެ ދެމަފިރިންގެ ތެރެއިން ގޯތި ލިބޭ ފަރާތް އުސޫލުގައިވާ ގޮތުގެ މަތިން ކަނޑައަޅައި، ގޯތި ނުލިބޭ ފަރާތް އުނިކުރެވޭނެކަމަށެވެ.
އަދި އައްޑޫސިޓީގެ އެކި އަވަށްތަކުން ގޯއްޗަށް އެދި ހުޅުވާލުމުން އެއް އަވަށަށްވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް އެފަރާތުން އެދޭ އެއް އަވަށެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ބާކީހުރި އަވަށްތަކުގެ ލިސްޓުން އެފަރާތްތައް އުނިކުރެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެެވެ.
ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޝަކުވާގެ މުއްދަތު ހަމަވާތާ، ރަސްމީ 10 ދުވަސްތެރޭ އާންމުކުރުމަށް ހަމަޖެހިފައިވާއިރު ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުމަށްފަހު، ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްވަނީ ނިންމާފައެވެ.
އައްޑޫ ސިޓީގެ ގެ ހަތަރު ރަށަކުން ޖުމްލަ 4،052 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވެއްސަކަށް ބަހާލައިގެންނެވެ. މި ގޮތުން ފުރަތަމަ ފިޔަވަހީގައި ހިތަދޫ އިން 500 ގޯތި، ފޭދޫ އިން 300 ގޯތި އަދި ހުޅުދޫ އާއި މީދޫ އިން ކޮންމެ ރަށަކުން 100 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ބުނީ ފުރަތަމަ ބުރު ނިމުމުން ދެން ދޫކުރާ ގޯތިތައް ދޫކުރާނީ އައްޑޫގައި މިފަހުން ހިއްކި ބިންތަކުން ކަމަށާއި އަދި މި ގޯތިތައް އަންނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.