ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހޭންޑްލިންގް ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާ ހިދުމަތްދޭން ފަށައިފިއެވެ.

އެމްއޭސީއެލްއިން ބުނީ މި އަހަރުގެ ކުރީކޮޅުގައި ފެށުނު އެ މަޝްރޫއުގެ މަސައްކަތް ނިމުމާއިއެކު ވީއައިއޭ ގައި މިހާރު ގާއިމް ކުރެވިފައިވަނީ މީގެ އެންމެ ފަހުގެ ސިސްޓަމެއް ކަމަށާއި އެ ސިސްޓަމަކީ ބައިނަލްއަގްވާމީ އެއާ ނެވިގޭޝަން ހިދުމަތްދޭ ފަރާތްތަކާއި އެއާލައިން އޮޕަރޭޓަރުންނާއި އަދި ފްލައިޓް ކުރޫންނާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެއް ކަމަށެވެ.

މައިގަނޑު ގޮތެއްގައި އެ ޕްލެޓްފޯމްގައި ރައްކާތެރިކަމާއެކު ހިއްސާ ކުރެވޭ މުހިއްމު މައުލޫމާތުތަކުގެ ތެރޭގައި ފްލައިޓް ޕްލޭނާއި ނޯޓޭމާއި މޫސުމާ ބެހޭ މައުލޫމާތާއި ވައިގެ ދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ އެހެނިހެން މައުލޫމާތުކަން ފާހަގަކޮށް އެމްއޭސީއެލްއިން ބުނީ ދަތުރުތަކަށް ބޭނުންވާ މައުލޫމާތު ޕައިލެޓުންނަށް ފަސޭހައިން ފޯރުކޮށް ދިނުމާއި މޫސުމާ ބެހޭ މައުލޫމާތު ހިމެނޭ ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ އެ ޕްލެޓްފޯމް ގާއިމުވެގެން ދިއުމާއިއެކު މިހާރު މެނުއަލްކޮށް ކުރެވޭ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އިންޓާނެޓް މެދުވެރިކޮށް އެއާލައިންތަކުން ފޮނުވާ ފްލްއިޓް ޕްލޭން އެޕްރޫވްކޮށް ފައިލްކުރުމުގެ މަސައްކަތް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށެވެ. އަދި އެ ސިސްޓަމަކީ ދުނިޔޭގެ އެކި ގައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައިޑީއެސް އެއާނެވްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ބައި މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއުއެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

އެމްއޭސީއެލްއިން ބުނީ އައިޑީއެސް އެއާނެވްއިން އެ ސިސްޓަމް ވީއައިއޭގައި ގާއިމުކުރުމުގެ އިތުރުން އެއިރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެނޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފައިވާ ކަމަށާއި އެ ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީންވެސް ކަމާ ބެހޭ މުވައްޒަފުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއީ ވީއައިއޭ އިން ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހުރިހާ ހިދުމަތެއްގައި އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި އެ ހިދުމަތް ފޯރުކޮށްދެމުންދާނީ މިހާރުވެސް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއާ ނެވިގޭޝަންގެ ހިދުމަތް ދެމުންގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވްސް ނެޝަނަލް އެއާޓްރެފިކް ސާވިސަސް (އެމްނެޓްސް) އިން ކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ.