މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ރޭ މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުވާ ކުރާ މީހުންގެ މައްޗަށް ދައުވާތައް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ އޭޕްރީލް 6 ވަނަ ދުވަހުގެ ރޭ ދަންވަރު 1 އާއި 3:30 ދެމެދުގެ ގަޑިއެއްގައި ނައީމާ މަރާލި މައްސަލާގައި ތިން މީހަކަށް ދައުވާކުރަން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ނ. މަނަދޫ ، ފެހިވިލާގޭ އަހުޒަމް އަބްދުއް ޝަކޫރާއި އެ ރަށު ފިނިފެންމާގެ، އަބްދުލް ވާހިދު ރިފާޝް އަދި އެ ރަށު ވިނަރެސް ހަސަން ފަވާޒެވެ. އެ ތިން މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ކުރަން ހުށަހަޅާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ކުރަން ނިންމާފައިވަނީ ނައީމާ މަރާލުމަށްފަހު މަނަދޫ ނާމަގު ސަރަހައްދަށް ގޮސް ވަޅެއް ކޮނެ، އެ އަމަލު ހިންގުމަށް ބޭނުންކުރި ވަޅިއާ އެހެނިހެން ތަކެތި ނައްތާލާ، އަންދާލާފައި ވާތީ ހެކި ނައްތާލުމުގެ ބައިން ކަމަށެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާކުރަން ނިންމާފައިވަނީ އެ ގޭ ދޮރު ތަޅުލާފައި ދިއުމުން ކަމަށާއި އެހެންކަމުން އެ ހާދިސާ ހިނގިކަން އާއިލާއަށް އެނގުނީ 40 ގަޑިއިރު ފަހުން ކަމަށެވެ. އަދި ޝަމީމް ވިދާޅުވީ އެހެންކަމުން އެކަން ބެލެވޭނީ މައްޔިތާއަށް އިހާނެތި އަމަލެއް ކުރުމުގެ ކުށެއް ގޮތުގައި ކަމަށެވެ.

ޝަމީމް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ސައިންޓިފިކް އެވިޑެންސްއާއި ޑީއެންއޭ އަދި އެހެން ކަހަލަ ބައެއް ހެކިތައް ވެސް ލިބިފައިވާ ކަމަށެވެ. އަދި އެ ހެކިތަކުގެ މައްޗަށް މި ތިން ދައުވާވެސް ސާބިތު ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.