ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ އާއިލާއަށް މި ސަރުކާރުން 33 މަގާމު ދީފައިވާ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން، އަލަށް އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހް ވިދާޅުވީ، ރިޔާސީ އިންތިާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ވޯޓު ދިނީ އެއްވެސް ގޮތަކަށް އެއް އައިލާއެއްގެ 33 މީހަކަށް މަގާމު ދިނުމަށް ނޫން ކަމަށެވެ.

އެގޮތުން މި ސަރުކާރު އައި ފަހުން އަބްދުއްރަހީމްގެ އާއިލާގެ 33 މީހަކަށް ދައުލަތުގެ އެކި މުވައްސަސާތަކުން ވަޒީފާ ދީފައިވާ ކަން ފާހަގަ ކުރައްވަމުން އެއީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށް މަލީހް ވިދާޅުވިއެވެ. އެއީ ޕީޕީއެމްގެ އާންމު މެންބަރުންގެ ހައްގަށް އަރައިގަތުން ކަމަށާއި ޕީޕީއެމްގެ އާންމު މެންބަރުން ވަރަށް ބޮޑަށް ހިތާމަ ކުރާނެ ކަމެއްގެ ގޮތުގައި މަލީހް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް މަލީހް ވަނީ ގޮވާލައްވާފައެވެ. އާ ސިޔާސީ ޕާޓީ އުފައްދަން ކުރާ މަސައްކަތުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމަކީ އެންމެ އިސް ކަމެއް ދޭނެ ކަމެއްގެ ގޮތުގައި މަލީހް ފާހަގަ ކުރެއްވިއެވެ. އަދި ޕީޕީއެމްގައި ތިއްބެވި ރައީސް ޔާމީންއަށް ސަޕޯޓް ކުރާ ފަރާތްތަކުން ޕީއެންއެފް އަށް ގުޅުމަށް މަލީހް ވަނީ ގޮވާލައްވާފައެވެ.

ޕީއެންއެފް އުފެއްދުމުގައި ރައީސް ޔާމީނާއެކު އެންމެ އިސް ކޮށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި މަލީހްގެ އިތުރުން ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުން އާ ސިޔާސީ ޕާޓީ އުފެއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދެވި އިރު ވެސް ރައީސް ޔާމީނަށް "ޖާހިލު" ވީ މީހަކީ އަދުރޭ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެކަމަށް ރައްދު ދެއްވަމުން މީގެ ކުރިން އަދުރޭ ވިދާޅުވެފައި ވަނީ މަލީހް އާއި ޖަމީލް އަކީ ޔާމީންއަށް އިހްލާސްތެރި ބޭފުޅުން ނޫން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރު ވައްޓާލުމަށް ވެސް އިދިކޮޅަށް ގިނަ މަސައްކަތްތަކެއް އެ ބޭފުޅުން ކުރެއްވި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ޔާމީނަށް އެ ބޭފުޅުން އަނިޔާވެރިވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެ ބޭފުޅުން އެ ގެންދަވަނީ ރައީސް ޔާމީންގެ ނާޖާއިޒް ފައިދާ ނަންގަވަމުން ކަމަށާއި މި ހުރިހާ މައްސަަލއެއް މި ދިމާވީ އެ ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ސަރުކާރުގެ އިސް މާގަމެއް ނުދިނީމަ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.