އިޒްރޭލާއި ފަލަސްތީނުގެ ހަމާސް އާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް 4 ދުވަހުގެ މުއްދަތު 2 ދުވަހަށް އިތުރު ކޮށްފައި ވާ ދަނޑިވަޅެއްގައި އެމެރިކާ, އިޒްރޭލް އަދި މިސްރުގެ ޖާސޫސީ އިދާރާތަކުގެ އެންމެ އިސްވެރިން ގަތަރުވެ ވެރިރަށް ދޯހާއަށް ގޮސްފޮއެވެ.
މުރާސިލުން ބުނާގޮތުގައި މިއީ މުހިންމު ނިންމުމެއްގެ ފެށުމެއްގެ ކޮޅުމައްޗެވެ. އެއްގޮތަކީ ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައި ބޭއްވުމަށް އެއްބަސް ވި އިތުރު 2 ދުވަސް ހަމަވުމާއެކު ދެން އަމަލު ކުރާނެ ގޮތެއް ނިންމުމެވެ. ދެވަނަ ގޮތަކީ, ހަމަލާތައް އަލުން ފަށާނެ ކަމަށް އިޒްރޭލުން ބުނެފައިވާ ބުނުމާ މެދު މަޝްވަރާ ކުރުމެވެ.
ނަމަވެސް މަސްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ބުނަނީ, ހަމަލާތައް ހުއްޜާލި މުއްދަތުގައި އިޒްރޭލާއި ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ އަދި ލިބެމުންދާ ހިތްހަމަ ޖެހުމުގެ ސަބަބުން ހަމަލާތައް ހުއްޓާލާފައި ބާއްވާ މުއްދަތު އިތުރު ކުރުމަކީ ގާތްކަމެކެވެ.
ހަމަލާތައް ހުއްޓާލާފައި މިހާރު އޮތް ވަގުތުގައި ހަމާސް އާއި އިޒްރޭލުން މިނިވަން ކުރަމުން ދާ ރަހީނުން, އެމީހުންގެ ތަޖުރިބާތައް ހިއްސާ ކުރަމުން އަންނަ އިރު އިޒްރޭލުގެ ރަހީނުގެ މެޖޯރިޓީ މީހުން ވަނީ ހަމާސްގެ މެހެމާންދާރީ އަށް ތައުރީފު ކޮށްފައެވެ. އަދި ފަލަސްތީނުގެ ރަހީނުންނަށް އިޒްރޭލުން ލާއިންސާނީ އަނިޔާ ދީފައި ވީ ނަމަވެސް އެމީހުންވެސް ތިބީ, އާއިލާ އާ ބައްދަލުވާތީ އުފަލުންނެވެ.
ހަމަ މިމުއްދަތުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމުގެ ވާހަކަ ސިޔާސީ ވެރިންގެ މެދުގައި ދައްކަމުން އަންނަ އިރު ހަމާސް އިން ބުނެފައި ވަނީ, އެފަދަ މަޝްވަރާތަކެއްގައި ފަލަސްތީނުގެ ދައުލަތް ގާއިމު ކުރުމުގެ ވާހަކަ ކޮންމެހެންވެސް އޮންނަން ޖެހޭނެ ކަމަށެވެ.
ހަމާސް އިން ބުނީ, މިހާރުވެސް ގާޒާއަށް ލިބޭ އެހީ އެންމެ އުތުރުގެ ސަރަހައްދުތަކަށް ރަނގަޅަށް ނުލިބޭ ކަމަށާއި, އިޒްރޭލުން އެތަކެތި ހުއްޓުވާ, ހުރަސް އަޅާ އަދި އަސްކަރީ ބާރު ދަމަހައްޓާކަމުގެ ފުރިހަމަ ހެކި, އެ މަޝްވަރާތަކުގައި ބައިވެރިވާ އޮފިޝަލުންނާ ހިއްސާ ކޮށްފައި ވާ ކަމަށެވެ.
ގަތަރުގައި ކުރިއަށް ދާ ޖާސޫސީ ވެރިންގެ ބައްދަލުވުމަކީ ފަލަސްތީނު ދައުލަތާ ގުޅޭ ގޮތުން ސިޔާސީ ވެރިން މަޝްވަރާ ކުރައްވާ ބައްދަލުވުމާ ވަކިން ހިނގަމުން ދާ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގެ މާބޮޑު ތަފްސީލުތަކެއް އަދި ހާމަވެފައި ނުވިނަމަވެސް, އެ 3 ގައުމުގެ އިތުރުން ދެން ބައިވެރިވެވަޑައިގަންނަވަނީ ގަތަރުގެ އިންޓެލިޖަންސްގެ ވެރިޔާ އާއި އެގައުމުގެ ހާރިޖީ ވަޒީރުކަމަށް މައުލޫމާތު ލިބެއެވެ.
ގަތަރުގައި އިންޓެލިޖަންސްގެ ވެރިންގެ ބައްދަލުވުން ހިނގަމުން ދާ އިރު އދ ގައި ދަނީ ގާޒާ މައްސަލައިގައި ދުނިޔޭގެ ގައުމުތަކުގެ މަންދޫބުން ބަހުސް ކުރަމުންނެވެ. ގިނަ މެންބަރުން ވިދާޅުވަމުން ގެންދަވަނީ ދާއިމީ ހައްލަކީ ދެ ދައުލަތް ގާއިމުވެފައި އޮތުން ކަމަށެވެ. އެގޮތުން ފަލަސްތީންގެ އެމްބެސެޑަރު ވިދާޅުވީ, އަޅުވެތިކަމުގައި ފަލަސްތީން އޮންނަތާ އެތައް އަހަރެއް ވެގެން ގޮސްފި ކަމަށާއި ފަލަސްތީންގެ މިނިވަން ދައުލަތާ މެދު އުފައްދާ ސުވާލަށް އދ އިން ފުރިހަމަ އަށް ޖަވާބުދޭން ޖެހޭ ކަމަށެވެ.
މިއަދު ގާޒާގެ މަޝްރަހަށް ބަލާއިރު, އެހީގެ ބައެއް ޓަރަކްތައް ވަން ނަމަވެސް ތެޔޮ ބަރުކޮށްގެން ދިޔަ ޓްރަކް ތަކުގެ ތެރެއިން ވައްދަން ހުއްދަ ދިނީ އެންމެ ޓްރަކަކަށް ކަމަށް ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ. ދެން ދިޔަ ޓްރަކްތައް އިޒްރޭލު ސިފައިން ވަނީ ހިފަހައްޓާފައެވެ.
ހަމަ މިއާއެކު ސުލްހައިގެ މައްސަލައިގައި އިޒްރޭލުގެ ސަރުކާރުގެ ތެރޭގައި ދަނީ ހިޔާލު ތަފާތުވުންތައް އުފެދެމުންނެވެ. އެގޮތުން އެކުލަވާލާފައިވާ ހަނގުރާމައިގެ ކެބިނެޓުގައި ހިމެނޭ 4 ވަޒީރަކު, ހަމަލާތައް ހުއްޓާލާފައި ބޭއްވުމާ ދެކޮޅު ހަދާ ވަނީ ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި ހަރުކަށި ލީޑަރު އިތަމާރު ބެން ގަވީރު ހިމެނޭ އިރު އޭނާ ބުނެފައިވަނީ ސުލްހަވެ ތިބެން ބޭނުން ނުވާ ކަމަށާއި ވަގުތުން އިޒްރޭލު ސިފައިން އަރުވާ 'ހަމާސް ފުނޑުފުނޑު' ކޮށްލުމަށެވެ. އޭނާ އަކީ ސަލަމާތާ ބެހޭ މިނިސްޓަރެވެ.