މިސްކިތެއްގައި ކުދިންތަކެއް ނަށާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

ވައިރަލް ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި 5 ފިރިހެން ކުދިން ވަނީ މިހާރު ޓިކްޓޮކުގައި ޓްރެންޑް ވަމުން އަންނަ ވީޑިއޯއެއްގެ ނެށުމެއް ނަށާފައެވެ. މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ އަމަލުތަކަކީ މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ކަންކަން ކަމަށާއި، މިކަމުގައި މައިންބަފައިން ޒިންމާ ނަގަން ޖެހޭނެ ކަމަށްވެސް މި ވީޑިއޯއަށް ކޮމެންޓު ކުރި މީހަކު ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޏ. ފުވައްމަލަކުގައި ހުންނަ މަސްޖިދުލް ހުދާ މިސްކިތުގައެވެ. އަދި މިސްކިތުގައި ނަށާފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހުކުރަށްދިޔަ ކުދިންތަކެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަކީ ﷲ އަށް އަޅުކަން ކުރުމަށް ބިންމަތީގައި ލެއްވިގެންވާ މާތް ބިންތަކެއް ކަމަށާއި، އެތަންތަނުގައި ނަށާ މިސްކިތާއި ނުގުޅޭ ކަންކަން ކުރުމަކީ ހެޔޮވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެއާއެކު މިނިސްޓަރު ވިދާޅުވީ މި ކުދިންނަށް މިނިސްޓްރީ އިން ނަސޭހަތްތެރިވާނެ ކަމަށެވެ.