ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "ނޭޝަނަލް ސާވިސް ޕްރޮގްރާމް"އަށް، 1،200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފް އިން ބުނީ، ތަމްރީނުގެ ފުރަތަމަ ބުރަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1،244 ކުދިން ކުރިމަތިލާފައިވާ ކަމަށެވެ. އެގޮތުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތްތަކަށްވެސް ތަމްރީން ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި ހަމައެހެންމެ ތަމްރީނަށް ނަގަމުންދާނީ އެޕްލައި ކުރި ފަރާތްތަކުގެ ތަރުތީބުންކަން ފާހަގަކޮށް އެމްއެންޑީއެފްއިން ބުނީ ތަމްރީނުތައް ކުރިއަށްގެންދާނީ އެކި ބުރުތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެއްބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރު ފަށާނެ ކަމަށް ވެއެވެ.
އަދި ތަމްރީނަށް ޖާގަ ލިބިފައިވާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށާއި ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓު ކޮށްފައިވާ ފަރާތްތަކާއި ރިޒާވް ކެންޑިޑޭޓުންގެ ގޮތުގައި ޝޯޓްލިސްޓި ކުރެވިފައިވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސް އާއި ގުޅޭ މައުލޫމާތުތައްވެސް ހިއްސާ ކުރަމުންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ތަމްރީނުގެ ސެލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެމްއެންޑީއެފް އިން އިތުރަށް ބުނީ، އެ ކެންޑިޑޭޓަކަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ހާޒިރުވެ ސިލެކްޝަން ޕްރޮސެސްގެ ކަންކަން ފުރިހަމަކުރުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
އޯލެވެލް ނިންމާ ކުދިންގެ ތެރެއިން އޭލެވެލްއަށް ނުދާ ކުދިންނާއި ވަޒީފާ ހޯދުމަށް ދަތިވާ ކުދިންނަށް އަސްކަރީ ތަމްރީނު ހެދުމަށް ގާނޫނަކުން މަޖުބޫރު ކުރުވާ ވާހަކަ ރައީސް ހިއްސާ ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގާމުގެ ތެރެއިން އަހަރަކު 1،000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ރައީސް ވަނީ ނިންމަވާފައެވެ.