ހުޅުމާލޭ ހޮސްޕިޓަލުގެ ހިދުމަތްތައް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލާއި ގުޅޭ ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދުއެވެ. ޝަމްހީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށް ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަން ވާނެ ކަމަށެވެ.

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނަކީ ހުޅުމާލެ ކަން ފާހަގަކުރައްވަމުން ޝަމްހީދު ވިދާޅުވީ، އެތަނުގެ އާބާދީއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށް، ފެންވަރު ރަނގަޅު ގޮތެއްގައި މެދުނުކެނޑި ފޯރުކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއްކަމަށެވެ. މީގެ އިތުރުން ޝަމްހީދު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލަކީ މަހަކު އެވަރެޖްކޮށް 15،000އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަން ދާ ތަނެއް ކަމަށާއި، މަހަކު އެވަރެޖްކޮށް 330އަށް ވުރެ ގިނަ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށެވެ.

އެ ހޮސްޕިޓަލާމެދު އާންމުންގެ މެދުގައި އެތަކެއް ޝަކުވާތައް އޮތް ކަން ހާމަކުރައްވަމުން ޝަމްހީދު ވަނީ އެތަނުން ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްދީފައި ނުވާކަމަށެވެ. އަދި އެކަށީގެންވާ މިންވަރަށް ބަޖެޓު ނުދޭތީ، ހިދުމަތްދިނުމަށް ކޮންމެހެން ބޭނުންވާ ޑޮކްޓަރުންނާ، ސްޕެޝަލިސްޓުންނާ، ފަންނީ މީހުން ވަޒީފާއަށް ނެގުމަށް ހުރަސްތަކާ ކުރިމަތިވަމުންދާ ކަން ޝަމްހީދު ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލަ ބަލައިގަތުމަށް 10 މެންބަރުން ވޯޓުދެއްވި އިރު މައްސަލަ ބަލައިނުގަތުމަށް 37 މެންބަރުން ވޯޓުދެއްވިއެވެ.