ޕާކިސްތާން ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ލީކް ކުރެއްވި ކަމުގެ ކުށުގައި ދައުވާ އުފުލާފައި ވާ އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޝަރީއަތް އޮންނާނީ ޖަލުގައި ކަމަށް ކޯޓުން ބުނެފިއެވެ.
ޖަލުގައި ޝަރީއަތް ކުރިއަށް ގެންދަން ޖެހެނީ، އެމްރާންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް އޭނާގެ ޝަރީއަތް ހިންގަން އުފައްދާފައި ވާ ސްޕެޝަލް ކޯޓުން ބުނެއެވެ.
މި ޝަރީއަތް ޖަލުގައި ބޭއްވި ނަމަވެސް އިމްރާންގެ އާއިލާގެ އިތުރުން މީޑިއާ އާއި އާންމުންނަށް ވެސް ވަދެވޭ ގޮތް ހަދާނެ ކަމަށް ވެސް ބުނެއެވެ.
މިހާރުވެސް ޖަލުގައި ބަންދުކޮށްފައި ހުރި އިމްރާން ކޯޓަށް ހާޒިރު ކުރުމަށް އެގައުމުގެ ހައިކޯޓުން ހުސްވި ހަފްތާގައި ސްޕެޝަލް ކޯޓަށް އެންގިއެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ދެކޮޅު ހަދާ ޕާކިސްތާންގެ މިހާރުގެ ސަރުކާރުން ބުނެފައި ވަނީ އިމްރާންގެ ފުރާނައަށް ނުރައްކާ އޮތް ކަމެއް ނުކުރެވޭނެ ކަމަށެވެ.
މި ޝަރީއަތާ ގުޅެގޮތުން ސްޕެޝަލް ކޯޓުގެ ޖަޖް އަބުދުލް ހަސަނާތު ޒުލްގަރްނައިން ނެރުއްވި އަމުރުގައި ވަނީ، އިންރާން ހާންގެ އާއިލާއިން 5 ބޭފުޅުންނާއި ހަމަ މިކޭސްގެ ތުހުމަތު އުފުލުފައިވާ ކުރީގެ ހާރިޖީ ވަޒީރު ޝާހް މެހްމޫދު ގުރައިޝީ ގެ އިތުރުން މީޑިއާ އާއި އާންމުން، އެ އަޑުއެހުމަށް ވައްދާނެ ކަމަށެވެ.
މި އަޑުއެހުންތައް އަންނަ ހުކުރު ދުވަހު ފަށަން ހަމަޖެހިފައި ވާ އިރު އެގައުމުގެ ހައިކޯޓުން ބުނެފައި ވަނީ ޖަލުގައި އެގޮތަށް އަދުއެހުންތައް ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އިމްރާންގެ މައްޗަށް ތުހުމަތު ކުރާ ދައުލަތުގެ ސިއްކު ލީކް ކުރި ކަމުގެ ކޭސް ފެންމަތިވީ، ޕާކިސްތާން އިން އެމެރިކާއަށް ކަނޑައަޅާފައި ކުރިން ހުންނެވި އެމްބެސެޑަރުގެ ފަރާތުންނެވެ. އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ، އެއީ ސީދާ އެމެރިކާ އާއި ޕާކިސްތާނުގެ އަސްކަރިއްޔާ ގުޅިގެން އޭނާ މަގާމުން ދުކުރުމަށް ހިންގި ސިއްރު އެޖެންޑާއެއް ކަމަށެވެ.
މި ވާހަކަތައް ޕާކިސްތާނާއި އެމެރިކާގެ އިދާރާތަކުން ދޮގު ކުރެއެވެ.
އިމްރާނަކީ 2018 އިން އެޕްރީލް 2022 އަށް ޕާކިސްތާންގެ ބޮޑުވަޒީރެވެ. އެ މުއްދަތުގައި އޭނާ ވަނީ ޕާކިސްތާންގެ ގިނަ އަދަދެެއްގެ ރައްޔިތުންގެ މަގުބޫލުކަން ހޯއްދަވާފައެވެ. ނަމަވެސް ޕާކިސްތާނަކީ އަސްކަރީ ބާރު ގަދަ ގައުމަކަށް ވުމާއެކު، އަސްކަރިއްޔާ ނުރުހިއްޖެ ނަމަ އެމީހަކަށް ވެރިކަމުގައި ދެމިހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އިމްރާނަށް ވެސް ދިމާވީ އަސްކަރިއްޔާގެ ތާއީދު ގެއްލުމެވެ. އެއާއެކު މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގާ އޭނާ މަގާމުން ދުރުކުރިއެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ތަފާތު އެކި ބާވަތްތަކުގެ 105 މައްސަލަ ވަނީ ފެންމަތިިކޮށްފައެވެ.
މިހާރު ފަށަން ތައްޔާރުވެފައި ވާ މައްސަލަ ނިމުނަސް ކުރިއަށް ހުރި މައްސަލަތަކާއެކު، އޭނާ އަށް ކުރިއަށް ހުރި އިންތިހާބުތަކުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިގެން ދާނެއެވެ.
ޕާކިސްތާނަކީ ސިޔާސީ ހަލަބޮލިކަން ބޮޑު ގައުމަކަށް ވާއިރު ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ވަނީ ޕާކިސްތާނަށް ވަޑައިގެންފައެވެ. އޭނާ އަކީ ޕާކިސްތާންގެ މިހާރުގެ ސަރުކާރުގެ ބޮޑުވަޒީރުގެ ބޭބޭފުޅެވެ.