ޕާކިސްތާންގައި ބޭއްވި އާންމު އިންތިހާބު، ޖަލަށްލައިފައި ވާ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ސަޕޯޓަރުން ކާމިޔާބު ކުރުމުން އިމްރާން މަރުހަބާ ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް އިންޓެޖިލަންސް މެދުވެރިކޮށް އުފައްދާފައި ވާ މަރުހަބާގެ ކުރު މެސެޖެއްގައި އިމްރާން ވިދާޅުވީ، އޭނާ ޖަލުގައި ހުންނެވި ނަމަވެސް ރައްޔިތުން އޭނާ އަށް ކުރި އިތުބާރު ހާމަވެގެން ހިނގައްޖެ ކަމަށާއި "ލަންޑަން ޕްލޭން ފެއިލް" ވެ ރައްޔިތުން ގޮތް ނިންމައިފި ކަމަށެވެ.
އަދި އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފް 30 ގޮނޑި ފަހަތުގައި އޮންނަވާމެ ކާމިޔާބު އިއުލާން ކުރެއްވި ނަމަވެސް ހަގީގަތަކީ އިންތިހާބު ކާމިޔާބުވީ އިމްރާންގެ ސަޕޯޓަރުންނަށް ކަމަށާއި އެއިން ދައްކައިދެނީ 2 އަހަރެއްހާ ދުވަސް ވާންދެން ވެރިކަމުގެ ފަރާތްތަކުން ހިންގަމުން ދިޔަ ނާއިންސާފާއި އަނިޔާވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނުން ކަމަށެވެ.
"ޕާކިސްތާންގެ ރައްޔިތަކުވެސް އަދި ބައިނަލްއަގުވާމީ މީޑިއާތަކުގައިވެސް އެވާހަކަ ގަބޫލު ނުކުރާ ކަމަށާއި އިންތިހާބު ފެށުނު އިރުވެސް ޖެނެރަލް އެސެމްބްލީގެ 150 ގޮނޑި އަހަރެމެނަށް ކާމިޔާބު ވާތަން ފެނުނު ކަމަށާއި މިހާތަނަށް 170 ގޮނޑި ކާމިޔާބު ވެއްޖެ ކަމަށް ދައްކާ"
އިތުރަށް އޭނާ ވިދާޅުވީ، ޕާކިސްތާންގެ ރައްޔިތުން ތާރީހު އިއާދަކޮށްދީފި ކަމަށާއި "ތި އެންމެނާ މެދު ފަހުރުވެރިވާ" ކަމަށެވެ. އަދި ﷲ އަށް ޝުކުރު އަދާ ކުރާ ހާލު އެ ނަތީޖާއިން ދައްކަނީ 'ތިޔަ ސަޕޯޓަރުން އަލުން ޕާކިސްތާނަކީ ގައުމަކަށް ހަދައި ދިނުން' ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްޕީޗް ނިންމަވާލައްވަމުން އިމްރާން ގޮވާލެއްވީ ބިރު ނުގަތުމަށާއި ކާމިޔާބީގެ އުފާ ފާޅުކުރުމަށާއި ވޯޓުގެ ކާމިޔާބީއާއެކު ޕާކިސްތާން ސަލާމަތް ކުރުމުގައި ދެމި ތިބުމަށެވެ.
އިމްރާންގެ މައްޗަށް ޖަހު ހުކުމްތަކެއް އިއްވައި, އޭނާ ތަމްސީލު ކުރާ ޕާޓީގެ ސިއްކަ އިންތިހާބުތަކުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ފަހު ބޭއްވު އިންތިހާބުގައި އޭނާގެ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުން ވަނީ 91 ގޮނޑި ހޯދާފައެވެ. އެމީހުން އިންތިހާބުގައި ވާދަ ކުރީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ.
ވެރިކަމުގައި އޮތް ނަވާޒުގެ ޕާޓީއަށް 64 ގޮނޑި ލިބިފައި ވުމުން އިންތިހާބުގައި ޕާޓީއެއްގެ ހަސިއްޔަތުން ކާމިޔާބުވި ޕާޓީއަކީ އެއީއެވެ. ދެން ވާދަ ކުރި ޕީޕީޕީ ޕާޓީއަށް 50 ގޮނޑި ލިބިފައި ވާ އިރު އެހެނިހެން ޕާޓީތަކަށް ލިބިފައި ވަނީ 20 ގޮނޑިއެވެ.
އަދި މިހާތަނަށް ނުގުނާ 39 ގޮނޑިއެއްގެ ނަތީޖާ އޮތް އިރު މިހާތަނަށް އިއުލާން ކުރި ނަތީޖާއާއެކު ނަވާޒު އާއި އިމްރާންގެ ޕާޓީން ވަނީ ކާމިޔާބީ އިއުލާން ކޮށްފައެވެ.
ކާމިޔާބީ އިއުލާން ކުރުމަށް ނަވާޒު ބޭއްވެވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ, ހުރިހާ ޕާޓީ ތަކާއި މިނިވަން ކެންޑިޑޭޓުންގެ މެންޑޭޓަށް އިހުތިރާމް ކުރައްވާ ކަމަށާއި ސަރުކާރު އެކުލަވާލުމަށްޓަކައި އޭނާގެ ޕާޓީއާއެކު މަޝްވަރާ ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު ދެއްވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަލާކުވެފައި ވާ ޕާކިސްތާން އަލުން އާރާސްތު ކޮށް ހަމައަކަށް އަޅުވަން ޖެހޭ ކަމަށާއި ހުރިހާ ފަރާތްތަކަކުން އޭނާއާ ގުޅުމަށް ގޮވާލައްވަނީ ޕާޓީއެއްގެ ހައިސިއްޔަތުން އެންމެ ގިނަ ގޮނޑިއާއެކު އިސްނެގުމުގެ މެންޑޭޓު ލިބިވަޑައިގެންފައި ވާތީ ކަމަށެވެ.
އިމްރާންގެ ޕާޓީން ބުނެފައި ވަނީ, ޕާކިސްތާންގައި އެކުލަވާލައި އާ ސަރުކާރަކީ ސެންޓާ ރައިޓް ސަރުކާރަކަށް ހަދާނެ ކަމަށާއި އެމަގަމަށް މަސައްކަތް ބައްޓަން ކުރުމަށް ކެންޑިޑޭޓުންނަށް ގޮވާލާކަމަށެވެ. އިމްރާންގެ ކެމްޑިޑޭޓުންނަށް ލިބުނު ކާމިޔާބީއާއެކު އުފާފާޅު ކުރަމުން ދާއިރު, ގިނަ ބަޔަކު ދަނީ އިމްރާން ދޫކޮށްލުމަށް ވެސް ގޮވާލަމުންނެވެ. އަދި އެގައުމުގެ އިލެކްޝަންސް ކޮމިޝަންގެ ކުރިމަތީގައި މުޒާރަހާއެއް ފަށާފައި ވާ އިރު, އެކަށީގެންވާ ވަރަށް ވޯޓު ނުލިބުނު ބައެއް ޕާޓީތަކުން ދަނީ އެ ޕާޓީތަކުގެ ސަޕޯޓް ބޮޑު ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންނެވެ.