ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި ކުރީގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ސިއްރުމައްސަލައިގައި 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ރާވަލްޕިންޑީގެ ޖަލެއްގައި ގާއިމުކޮށްފައިވާ ހާއްސަ ކޯޓުން ސައިފަ މައްސަލައިގެ ހުކުމް އިއްވާފައިވަނީ އަންގާރަ ދުވަހުއެވެ. މި މައްސަލަ އަކީ 2022 ވަނަ އަހަރު އޭނާ ވެރިކަމުން ދުރުކުރުމަކީ ރޭވުމެއްގެ ދަށުން ކުރި ކަމެއް ކަމަށް އިމްރާން ވިދާޅުވާ ވާހަކަ ސާބިތުކޮށްދޭ މައްސަލައެކެވެ.
ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުން އުފެއްދި ކޯޓުން އިމްރާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ޕާކިސްތާނުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކުރީގެ ސަފީރަކު ފޮނުއްވި ސިއްރު ކޭބަލް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގައެވެ.
އިމްރާން ތަކުރާރުކޮށް އެ ތުހުމަތު ދޮގު ކުރައްވާފައިވަނީ ބޮޑުވަޒީރުކަމުން އޭނާ ދުރުކުރުމަކީ އެމެރިކާގެ ސަރުކާރުގެ އެހީގައި އޭނާގެ ސިޔާސީ ވާދަވެރިންނާއި ބާރުގަދަ އަސްކަރިއްޔާއިން ރޭވި ރޭވުމެއް ކަމުގެ ހެކި އެ ލިޔުމުގައި ހިމެނޭ ކަމަށް ބުނެއެވެ. ވޮޝިންޓަނާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.
އިމްރާން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އޭނާ ހުންނެވީ ޖަލުގައެވެ.
އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ލީޑަރުގެ މައްޗަށް ހުކުމް އިއްވާފައި މިވަނީ އަންނަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށެވެ.
އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ތަރުޖަމާނު ސައީދު ޒުލްފިގާރު ބުހާރީ ވިދާޅުވީ ޕީޓީއައިއިން ކޯޓުގެ ނިންމުމަށް ޗެލެންޖް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ވަކީލުންނަށް އިމްރާންގެ ފަރާތުން ވަކާލާތު ކުރުމުގެ ފުރުސަތު ދީފައެއް ނުވޭ. އަދި ހެކިންގެ ހެކިބަސް ނެގުމުގެ ފުރުސަތު ވެސް ދީފައެއް ނުވޭ." ބުހާރީ ވިދާޅުވިއެވެ.
މިއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިމްރާންގެ މައްޗަށް ކުށް ސާބިތުވި ދެވަނަ ފަހަރެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށްލާން ހުކުމް ކުރުމުން ގައުމީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވަނީ ވެފައެވެ.
މި ވޯޓަކީ ޕީޓީއައިއާ ދެކޮޅަށް ހިންގި ބޮޑު ހަރުކަށި ފިޔަވަޅަކާ ގުޅިގެން އެ ޕާޓީގެ ގިނަ އަދަދެއްގެ ލީޑަރުން ޕާޓީން ވަކިވެ، އެ ޕާޓީގެ އެތައް ހާސް މެންބަރުންނާއި ސަޕޯޓަރުން ޖަލަށް ލުމާ ގުޅިގެން ނެގި ވޯޓެކެވެ.
ދާދި ފަހުން އެ ޕާޓީގެ އިންތިހާބީ ނިޝާން ކަމަށްވާ ކްރިކެޓް ބެޓު ވެސް ގެއްލުނު އިރު، އަމިއްލަ ގޮތުން އެ ޕާޓީގެ ކެންޑިޑޭޓުން ނެރެން ވަނީ މަޖުބޫރުވެފައެވެ.
ނަމަވެސް ބުހާރީ ވިދާޅުވީ އިމްރާނާއި ގުރައިޝީގެ މައްޗަށް އިއްވި ހުކުމުން ފައިދާ ވާނީ ހާލުގައި ޖެހިފައިވާ ޕާޓީއަށް ކަމަށެވެ.
"އިންތިހާބަށް 10 ދުވަހަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ހުކުމް ކުރިއިރު، އޭގެ ސަބަބުން އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ހިތްވަރު ލިބި، ޖޯށުގައި ނުކުތުމަށް މަގުފަހިވެގެންދާނެ. ހީވަނީ ކަމާބެހޭ ފަރާތްތަކުން ބޭނުންވަނީ ޕީޓީއައި އާއި އެ ޕާޓީގެ ވޯޓާސް ބޭސް ކަނޑުވާލަން ހެން. އެކަމަކު އެބޭފުޅުންގެ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ހިތްވަރު ލިބޭނީ ގިނަ އަދަދެއްގެ ވޯޓުލުމަށް." އޭނާ ވިދާޅުވިއެވެ.
ސިޔާސީ މަސްރަހު ދިރާސާ ކުރާ ބޭނަޒީރު ޝާހު ވިދާޅުވި ގޮތުގައި އިމްރާންގެ މައްޗަށް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަރުހަލާފެށުނީއްސުރެ ވެސް އެނގިގެން ދިޔައީ ސީރިއަސް ސިފައަކަށް ބެލުމެއް ނެތި އިންސާފުވެރިކަމާއެކު މައްސަލަ ތަހުގީގު ކުރުމަށް ދައުލަތުގެ ޝައުގުވެރިކަން ކުޑަކަމެވެ.
"އޭގެ ބަދަލުގައި ދައުލަތުން ބޭނުން ކުރަމުން ދިޔައީ އިންތިހާބަށް ފަހު އިމްރާން ވެރިކަމަށް ވަޑައިގަތުމަށް ހުރަސް އެޅުމުގެ އިތުރު ވަސީލަތެއްގެ ގޮތުގައި." އޭނާ ވިދާޅުވީ ޝަރީއަތް ސިއްރުކޮށް، ހުޅުވާލެވިފައިވާ ޝަރީއަތެއްގެ ކޯޓު އަމުރަކާ އެކުވެސް ޝަރީއަތް ކަވަރު ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅުމަކީ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ.
ގާނޫނީ ވަކީލް އަބްދުލް މުއިޒް ޖަފެރީ ވިދާޅުވީ ހުކުމް އިއްވުމުގައި ދުޝްމަނަކާ ގުޅިގެން ދައުލަތުގެ ސިއްރުތައް ވިސްނުންތެރިކަމާއެކު ލީކުކުރުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިސްނައިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އިމްރާން އާއި ގުރައިޝީ ގުޅެން ޖެހޭ ކަމަށް ތުހުމަތު ކުރެވޭ ދުޝްމަނަކީ ކާކުކަން ޝަރީއަތުގެ މަޖިލީހުން ދެނެގަންނާނީ ކިހިނެއްކަމާ މެދު ޝައުގުވެރިކަން ފާޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.