ޕާކިސްތާނުގެ ކުރީގެ ބޯޑުވަޒީރު އިމްރާންހާން ވެރިކަމުގައި ހުންނެވި އިރު ދައުލަތުގެ ސިއްރު މުއާމަލާތެއް ލީކް ކުރެއްވިކަމުގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލި ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.
މި ހުކުމުން އޭނާ މިނިވަންވެވަޑައިގެން ނަމަވެސް އިތުރު ދައުވާއެއް ސާބިތުވެފައި ވާތީ ޖަލުން ނިކުމެވަޑައި ގެންނެވޭ ގޮތެއް އަދި ނުވެއެވެ.
އިމްރާނާއެކު އޭނާގެ ސަރުކާރުގެ ކުރީގެ ހާރިޖީ ވަޒީރު މަހްމޫދު ގްރައިޝީއަށް ވެސް އެ ހުކުމް އައެވެ. ހައިކޯޓުން ހުކުމް ބާތިލް ކުރި އިރު ގުރައިޝީވެސް ވަނީ މިނިވަން ކޮށްފައެވެ.
އިމްރާން ވިދާޅުވާގޮތުން އޭނާގެ މައްޗަށް ތުހުމަތުކޮށް ދައުވާ ކުރި ސިއްރު ލިޔެކިޔުމުގެ މައްސަލައަކީ އޭނާ ވެރިކަމުގައި ހުންނަވަނިކޮށް އިދިކޮޅު ފަރާތްތަކާއި އެގައުމުގެ އާމީގުޅިގެން އެމެރިކާގެ އެހީތެރިކަމާއެކު އޭނާ ވެރިކަމުން ވައްޓާލަން ރޭވިކަން ސާބިތުވާ ސިއްރު މުއާމަލާތްތަކެކެވެ. ނަމަވެސް އެ ތުހުމަތު ޕާކިސްތާންގެ މިހާރުގެ ސަރުކާރާއި ވޮޝިންޓަނުން ދޮގު ކުރެއެވެ.
2022 ގެ އޭޕްރީލްގައި އިމްރާންގެ ވެރިކަން ނިމުމަކަށް ގެނައީ ގާނޫނު ހަދާ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.
އޮގަސްޓް 2018 އިން އޭޕްރިލް 2022 އަށް ވެރިކަމުގައި އިމްރާން ހުންނެވި އިރު އާންމުންގެ މަގުބޫލުކަން އޭނާ ހޯއްދެވި ނަމަވެސް އެގައުމުގައި ބާރުގަދަ އާމީ އާއި ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ވެރިކަމުގައި ދެމިހުންނެވޭ ގޮތެއް އޭނާ އަކަށް ނުވިއެވެ.
ސިއްރު ލީކް ކުރެއްވި ކަމުގެ ކުށުން އޭނާ ބަރީއަވެވަޑައިގެންނެވި ނަމަވެސް އިމްރާން އާއި އަނބިކަނބަލުން ބުޝްރާ ބިބީގެ ކައިވެނިފުޅަކީ ގާނޫނުތަކާ ހިލާފު ކައިވެނިފުޅެއް ކަމަށް މިއަހަރުގެ ފެބްރުއަރީގައި ރާވަލްޕިންޑީގެ ކޯޓަކުން ކަނޑައެޅުމާ ގުޅިގެން އިމްރާން އަދި 7 އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
މިއަހަރުގެ ޖެނުއަރީގައި އިމްރާނަށް އައި ފުރަތަމަ ހުކުމުގައި ޖަލަށް ލި އިރު އެއީ ޕާކިސްތާންގެ އާންމު އިންތިހާބު ބޯމަތިވެފައި އޮތް ވަގުތެކެވެ. އެ އިންތިހާބުގައި އޭނާގެ ޕާޓީ ތަމްސީލު ކުރުމުގެ ފުރުސަތު އިލްކެޝަނުން ދީފައި ނުވުމުން ކެންޑިޑޭޓުން ބައިވެރިވީ އަމިއްލަ ގޮތުންނެވެ. އެ ކެންޑިޑޭޓުން މެޖޯރިޓީ ހޯދި ނަމަވެސް އެގައުމުގެ ގާނޫނު ބުނާގޮތުން އަމިއްލަ ކެންޑިޑޭޓުންނަށް ސަރުކާރެއް އެކުލަވާ ނުލެވޭތީ އެފުރުސަތު ގެއްލި ވެރިކަން ލިބުނީ އޭރުވެސް ވެރިކަމުގައި އޮތް ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ޕާޓީއަށެވެ.