ދައުލަތަށް ލިބުނު ހަދިޔާ ވިއްކެވި މައްސަލައިގައި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އާއި އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް އިއްވި 14 އަހަރުގެ ޖަލު ހުކުމް އިސްލާމްއާބާދުގެ ހައިކޯޓުން ސަސްޕެންޑް ކޮށްފިއެވެ.
ހައިކޯޓުން ބުނީ, އީދުގެ ފަހުން މައްސަލަ އަލުން ބަލައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން މިހާރު އިއްވާފައި ވާ ހުކުމް ސަސްޕެންޑް ކުރާ ކަމަށެވެ.
އިމްރާންގެ މައްޗަށް ކުށް ސާބިތުވި މައްސަލަ އަކީ, 2018 އިން 2022 އަށް ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް އެކި އެކި ފަރާތްތަކުން ހަދިޔާގެ ގޮތުގައި އޭނާގެ ސަރުކާރަށް [ޕާކިސްތާނަށް] ލިބުނު ތަކެތި ނޭނގި ވިއްކެވި މައްސަލައިގައެވެ. އެ ތަކެތި ވިއްކަވައިގެން އޭނާ ވަނީ 504,000 އެމެރިކާ ޑޮލަރު ހޯއްދަވާފައި ކަމަށް ވެސް ނިމިދިޔަ ޝަރީއަތުގައި ވަނީ ސާބިތުވެފައެވެ.
އިމްރާންގެ އަނބިކަނބަލުންގެ މައްޗަށް ވެސް ސާބިތުވީ އެ ދައުވާއެވެ. އެ ދައުވާގައި އެ ދެކަނބަލުން އެހެން ފަރާތަކަށް އެނގުމެއް ނެތި ތަކެތި ބައްލަވައި ގަތުމާއި ވިއްކެވުމުގެ ތުހުމަތު ކުރިއެވެ. އަދި އިއްވި ހުކުމުގައި ދެކަނބަލުން ކުރެ ކޮންމެ މީހަކަށް 14 އަހަރުގެ ހުކުމެއް އައި އިރު 2.8 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާވެއް ކުރިއެވެ. މީގެ އިތުރުން ކުރިއަށް އޮތް 10 އަހަރަށް, އެއްވެސް އިންތިހާބެއްގައި ވާދަ ކުރުމުގެ ފުރުސަތުވެސް އެ ދެކަނބަލުންނަށް ވަނީ ބަންދު ކޮށްފައެވެ.
މީގެ އިތުރުން އެ ދެކަނބަލުން ކައިވެނި ބައްލަވައިގަން ގޮތްވެސް ސައްހަ ނޫން ކަމަށް ބުނެވެސް މައްސަލައެއް ބެލިއެވެ. އެ މައްސަލައިގައި 7 އަހަރުގެ ހުކުމެއް އޮތީ އިއްވާފައެވެ.
މިއަދު ހައިކޯޓުގެ ނިންމުމާއެކު އިމްރާންގެ ޕާޓީ, ޕީޓީއައި އިން ބުނެފައި ވަނީ އެއީ އިމްރާންގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއް ކަމަށާއި އެ މައްސަލަ އަލުން ބަލާއިރު އިންސާފު ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.