ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވި މައްސަލަ މޯލްޑިވްސް ކަރެކްޝަނަލްސް ސާވިސްއިން ބަލަން ފަށައިފިއެވެ.
އެ ޕާޓީއަށް ފޯމު ފުރުމުގެ މަސައްކަތް ރޭ ހ. ހުރަފާގޭގައި ކުރިއަށްގެންގޮސްފައިވާއިރު އެ ވަގުތު ރައީސް ޔާމީން ވަނީ އެ އޮފީހަށް ވަޑައިގަންނަވާފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު އެ މަހުގެ 28 ވަނަ ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ޔާމީން ރަށު ބަންދަށް ބަދަލު ކޮށްފައެވެ.
އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" ވިދާޅުވީ އެކަން ބަލަމުންދާ ކަމަށާއި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އަޅާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު އާ ޕާޓީ އެއް އުފެއްދުމުގެ މަސައްކަތް ހަމަ އެ ދުވަހު ވަނީ ފައްޓަވާފައެވެ. އެގޮތުން ޕާޓީ އަށް ކިޔާނެ ނަމާއި ލޯގޯ އަދި ކުލަ ހޮނިހިރު ދުވަހުގެ ރޭ ވަނީ އިއުލާނުކޮށްފައެވެ. އެ ޕާޓީގެ ލޯގޯގައި ބޭނުންކޮށްފައި ވަނީ ދަނބާއި ހުދު ކުލައެވެ.
ޕީއެންއެފް އުފެދުމުގެ ހުއްދައަށް އެދި މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައެވެ. ޔާމީން ގެ ފަރާތުން ފޯމު ހުށަހަޅަން އިލެކްޝަން ކޮމިޝަން އަށް ހާޒިރުވި ޓީމުގައި އިސްކޮށް ތިއްބެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އަދި އެ ބޭފުޅުންނާ އެކު ޔާމީންއަށް ތާއީދުކުރާ، ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ބައިވެރި ބައިވެރިވެފައިވެއެވެ.
މީގެ ކުރިން ޕީޕީއެމް ޕީއެންސީ އޮފީހަށް ރައީސް ޔާމީން ވަޑައިގަތުމާ ގުޅިގެންވެސް ކަރެކްޝަންސްއިން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން އެ ސާވިސްއިން ބުނީ ރައީސް ޔާމިން ބޭސް ފަރުވާ ކުރުމާށާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކެއް އެދިވަޑައިގެންފައިވާތީ ކަރެކްޝަންސްގެގެ ފަރާތުން ވާނީ އެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ކޮންމެހެން ބައްދަލު ކުރުމަށް އެދޭ ފަރާތްތަކަށް ބައްދަލު ކުރަން އެދިވަޑައިގެން އެ ސާވިސްއާ ހިއްސާކުރުމުން ބައްދަލު ކުރުމުގެ ފުރުސަތެއް ދެވިފައިވާނެ ކަމަށެވެ.
ރައީސް ޔާމީން ރަށު ބަންދަން ބަދަލު ކުރީ އިގުރާރެއްގައި ސޮއި ކުރެއްވުމަށްފަހު ކަމަށާއި އެ އިގުރާރުގައި ކުރުން މަނާ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށާއި ރައީސް ޔާމީންގެ އަމަލުތައް ކަރެކްޝަންސްއިން މޮނިޓާ ކުރަމުންދާ ކަމަށާއި އިގުރާރާ ހިލާފްވާނަމަ ފިޔަވަޅު އާޅާނެ ކަމުގައި ރައީސް ޔާމިންއަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.