މަރުކަޒީ ޖަލު އަޅާނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލެ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްއަށް ދޭން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ މި ބިން ކަރެކްޝަންސްއަށް ދިނުމަށް މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީގެ އިތުރުން ކަރެކްޝަންސް އާއި މަޝްވަރާކޮށްފައިވާކަމަށާއި، މިގޮތަށް ބިން ދިނުމަށް އެއްބަސްވެސް ވެފައިވާކަމަށެވެ.

އިހުސާން ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ހަރަދު ކުޑަކުރުމާއެކު ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.

އެކި ރަށްރަށުގައި ޖަލުތައް ހެދިފައި ހުރުމުގެ ސަބަބުން ޖަލުތައް ބެލެހެއްޓުމަށާއި ގައިދީންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ހަރަދުތައް ބޮޑުވެގެންދާ ކަމަށް، ސަރުކާރުން ހެދި އެސެސްމެންޓުތަކުން ދައްކާ ކަމަށް އިހުސާން މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ވެސް މަހަކު ކޮންމެ ގައިދީއަކަށް 21 ހާހާއި 30 ހާސް ރުފިޔާ އާ ދެމެދު ހަރަދުތައް ކުރެވެމުން ދާކަމަށާއި، އެހެންކަމުން ޖަލުތައް ބެލެހެއްޓެނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

މިހާރު ވެސް ޖަލުތަކުގައި ޖާގައިގެ ދަތިކަމާއި، ޖަލު ބެލެހެއްޓުމުގެ ނިޒާމުގައި އޮފިސަރުން މަދުކަމުން ޖަލުތައް އެދެވޭ ގޮތެއްގައި ނުބެލެހެއްޓޭކަން އިހުސާން ފާހަގަކުރެއްވިއެވެ. އެހެންވެ ގައިދީންނަށް ފަރުވާ ދިނުން ފަދަ ކަންކަމަށް ހުރަސް އެޅޭކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ބަލާނީ މިކަންކަން ތަރުތީބުކޮށް ކުރިއަށް ގެންދެވޭތޯ ކަމަށެވެ.

ކަރެކްޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާފުށި ޖަލާއި އައްސޭރި ޖަލާއި މާލެ ޖަލުގައި ތިބި ގައިދީންގެ އަދަދު 1،200 އަށް ވުރެ އިތުރެވެ.