މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން، އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކަރެކްޝަންސްއިން ބުނީ ކޮންމެ އާއިލާއަކަށް 2،220 ރުފިޔާގެ މަގުން އެހީތެރިކަން ފޯރުކޮށްދީފއިވާ ކަމަށެވެ.

މި ހާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާ ތަކަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެން ހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ކަރެކްޝަންސްއިން ބުނީ ރަމަޟާން މަހުގެ ހާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސާވިސްއިން އަމާޒުކުރި ކަމަށެވެ. ނަމަވެސް އެ ޕްރޮގްރާމްއަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތުން ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވެފައިވަނީ ޖުމްލަ 10 އާއިލާގެ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ. ކަރެކްޝަންސްއިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭމިންވަރު ހިމެނެއެވެ.