އިސްމާއިލު ވަޖީހު އޭ ބުނުމުން ނޭނގޭ ދިވެއްސެއް ހަމަގައިމުވެސް މަދުވާނެއެވެ. އެއްއިރެއްގައި ވަޖީހު އަކީ މުޅި ދިވެހި ފިލްމު އިންޑަސްޓްރީގެ ހިތެވެ. ބެލުންތެރިންގެ ހިތްތަކާ ކުޅެލި ލަވަތަކެއް ގެނެސްދީފައިވާ މޮޅު ނެށުންތެރިއެކެވެ. ދިވެހި ފިލްމު އިންޑަސްޓްރީއާ ދުރުވުމަށްފަހު ވަޖީހު އޭނާގެ ދިރިއުޅުން ސިންގަޕޫރަށް ބަދަލުކުރި އިރު ދުވަހަކުވެސް ދެން ފިލްމަކުން ފެންނާނެއޭ ހިތަށް ވެސް ނާރައެވެ. ނަމަވެސް ވަޖީހު އެނބުރި ސްކްރީނަށް އެބައާދެއެވެ. އެއީ ޑާކްރެއިން އެންޓަޓެއިންމަންޓުން އަންނަ މަހު ރިލީޒްކުރާ "ނޮވެމްބަރ" އިންނެވެ.

މި ފިލްމުގެ ޕްރިމިއާ ނައިޓަށް ވަޖީހު އާ އޭނާގެ ދަރިފުޅު ތަރީޝް އިސްމާއީލް ރާއްޖެ އައިސް މި އިވެންޓުގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަންނަ މަހު ހަތަރު ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގައި ވަޖީހުގެ އިތުރުން އޭނާގެ ދަރިފުޅު ތަރީޝް ވެސް މުހިއްމު ރޯލަކުން ފެންނާނެއެވެ. މި ފިލްމުވެގެންދާނީ ތަރީޝްގެ ފުރަތަމަ ދިވެހި ފިލްމަށެވެ. ދެމީހުންގެ ރޯލު މިހާތަނަށްވެސް ސިއްރުކޮށްފައިވާއިރު ފިލްމުގެ ޓީމުން ބޭނުންވަނީ ވަޖީހު އާއި އޭނާގެ ދަރިފުޅުގެ ރޯލު ސަޕްރައިޒެއްގެ ގޮތުގައި ބެލުންތެރިންނަށް ދޫކޮށްލުމަށެވެ.

ޑާކްރެއިންގެ އެންމެ އަގުބޮޑު ފިލްމު "ނޮވެމްބަރ" ގެ ލީޑު ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. ސިންގަޕޫރުގެ އިތުރުން އައްޑޫގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މަޖޫ ދިވެހި މުދައްރިސެއްގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.