މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ދިގު މުއްދަތަށް ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.

އެމްއޭސީއެލް އިން މިކަމަށް ހާއްސަ ހަފްލާއެއް ބާއްވާފައިވާއިރު އެ ކުންފުންޏަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވި 139 ފަރާތަކަށް ވަނީ ހަނދާނީ ފިލާ ދެއްވާފައެވެ. ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިބްރާހީމް ތޯހާގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރި ވެފައެވެ.

އަގު ވަޒަންކޮށް ހަނދާނީ ފިލާ ދިން ދާއިރާތައް:

  • 20 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 24 މުވައްޒަފުން
  • 25 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 69 މުވައްޒަފުން
  • 30 އަހަރު ހިދުމަތްކޮށްދެއްވާފައިވާ 35 މުވައްޒަފުން
  • 35 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 6 މުވައްޒަފުން
  • 40 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 5 މުވައްޒަފުން

މީގެ އިތުރުންވެސް އެ ކުންފުނީގެ މަސައްކަތުން ރިޓަޔާ ކޮށްފައިވާ 11 މުވައްޒަފަކަށް އެމުވައްޒަފުން ކޮށްދެއްވި ހިދުމަތްތައް ފާހަގަ ކޮށް ހަނދާނި ފިލާ ދީފައި ވެއެވެ.

އެމްއޭސީއެލް އިން މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ހަފްލާ ޝަރަފުވެރި ކޮށްދެއްވާ ތޯހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުންފުޏެއްގައި ދިގު މުއްދަތެއް މުވައްޒަފުން ހޭދަކުރާނީ އެކުންފުޏަކީ މަސައްކަތް ކުރުމަށް އެކަށިގެންވާ ތަނަކަށް ވުމުންކަމަށާއި އެމްއޭސީއެލް އަކީ މުވައްޒަފުންގެ އަގުވަޒަންކުރާ، މުވައްޒަފުންނަށް ރަގަޅު މާހައުލެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.

އަދި ވެލާނާ އެއާޕޯޓަކީ ސަރަހައްދީ ފެންވަރުގެ އެއާޕޯޓަކަށް ހެދުމަށް ގިނަ ދުވަހު ކުންފުނީގައި މަސައްކަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ތަޖުރިބާ މުހިންމު ކަމެއްކަން ތޯހާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ މައި ވައިގެ ބަދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލްގައި ހަތަރުހާހައި ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ.