އަންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބާ ގުޅޭ ގޮތުން ޖޭޕީގެ ފަރާތުން ޕީއެންސީ އާ މަޝްވަރާ ކޮށްފިއެވެ.

ޖޭޕީގެ 161 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވާ ނިންމުމެއްގެ ދަށުން ޖޭޕީން އެކުލަވާލި ކޮމިޓީއަކުން ޕީއެންސީގެ ލީޑާޝިޕްގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައި ވާ އިރު އެ ބައްދަލުވުމުގައި ރައީސލުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް އިންނެވިއެވެ.

ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހު ވިދާލުވީ، އެ ބައްދަލުވުމަކީ އެޕާޓީގެ ކައުންސިލުން ނިންމި ނިންމުމެއްގެ މައްޗަށް އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕީއެންސީއާ އެކު މަޝްވަރާކުރުމަށް ބޭއްވި ބާއްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ނިމުނީ ކޮންކަމެއް ކަމެއް، އަދި މަޝްވަރާ ކުރި އިތުރު އެއްވެސް ކަމެއްގެ ތަފްސީލެއް އޭނާ ނުދެއްވިއެވެ.

ޖޭޕީން ޕީއެންސީ އާ މަޝްވަރާ ކުރި އިރު، އެ ޕާޓީގެ 161 ވަނަ ބައްދަލުވުމުގައި، އެޕާޓީގެ ލީޑަރު ވަނީ ޖޭޕީ އުވާލައި ޕީއެންސީއަށް މެންބަރުން ދިޔުމާ މެދު ހިޔާލަކީ ކޮބައިތޯ އައްސަވާފައެވެ. އެއީ އެ ބައްދަލުވުމުގެ އެޖެންޑާގައި ނެތް ކަމެއް ނަމަވެސް އެކަން ހިނގާފައި ވާ އިރު، މިރޭ ޕީއެންސީއާއި ޖޭޕީގެ މަޝްވަރާ ތަކުގައި އެ މައުޟޫގެ މައްޗަށް ވާހަކަ ދެއްކި ކަމެއް ސާފެއް ނުވެއެވެ.

މިރޭގެ ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަދާއިގަތީ، ގާސިމްގެ އަނބިކަނބަލުން ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، ރިޔާޒު ރަޝީދާއި، އަހުމަދު ނިހާން ހުސައިން މަނިކާއި އަލީ ހުސައިން އާއި އަޒްލީން އަހުމަދެވެ.

ޕީއެންސީގެ ފަރާތުން ތިއްބެވީ ޑރ. މުއިއްޒާއި، އަބްދުއްރަހީމް އަބްދުﷲ އާއި، އާދަމް ޝަރީފާއި، މޫސާ ޒަމީރާއި، މުހައްމަދު ސައީދުގެ އިތުރުން އިބްރާހިމް ފަޒުލް ރަޝީދާއި، އަބްދުﷲ ނަސީރު (އައްޅޯ) އާއި އާދަމް ރަމީޒެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި 22 ހާސް މެންބަރުންނާ އެކު ވާދަކޮށް ޖޭޕީއަށް 6000 ވޯޓު ހޯދިފައެއް ނުވެއެވެ.