އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ފަރުހާދު ފިކުރީ ހަމަޖައްސައިފިއެވެ.
އެ މަގާމަށް ފަރުހާދު ހަމަޖައްސާފައި ވަނީ އެ މަގާމުގައި ހުންނެވި މަންނާނު ޔޫސުޕް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުކޮށްފައި ހުރީ އެކްޓިން ޕޮލިސް ކޮމިޝަނަރު މަންނާން ޔޫސުފް އާއެވެ. ނަމަވެސް މަންނާން މިއަދު ވަނީ އިސްތިއުފާ ދެއްވާ ރިޓަޔާ ކުރައްވާފައެވެ. އޭނާގެ އިތުރުން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ރަޝީދު ވެސް މިއަދު ރިޓަޔާ ކުރައްވާނެއެވެ.
އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވައި ރިޓަޔާ ކުރައްވަނީ ސަރުކާރުން އަންގައިކަން ވެސް "ދަ ޕަރެސް" އަށް ވަނީ އެނގިފައެވެ. އަދި ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަމަޖައްސަން މަސައްކަތް ކުރަމުން ދާ ކަމަށް "ދަ ޕްރެސް" އަށް ވަނި މައުލޫމާތު ލިބިފައެވެ.
ޓޫފޯ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފެއްދި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަޒީފާއިން ވަކިކުރި އޮފިސަރުންގެ ތެރޭގައި ހިމެނޭ އޮފިސަރެކެވެ. ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން އެކަން ކޮށްފައި ވާގޮތާމެދު ހިތްހަމަ ނުޖެހި ޓޫފޯ އާއި އިތުރު އޮފިސަރަކު [މުހައްމަދު ޖަމްޝީދު] ވަނީ 2022 ވަނަ އަހަރުގެ ފަހު ކޮޅު ސިވިލް ކޯޓަށް ވެސް ވަޑައިގެންފައެވެ. އެކޯޓުން މައްސަލަ ބަލައި ނިންމީ، ޕޮލިސް ބޯޑުން އެމީހުން ވަކިކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެއާއެކު ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ނިންމީ އެ މައްސަލާގައި ހިމެނޭ ޓޫފޯ އާއި މުހައްމަދު ޖަމްޝީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވާތީ އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށެވެ. އެހެންކަމުން ޓޫފޯ ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
މައްސަލަ މިހާރު ސްޕްރީމް ކޯޓުގައި އޮތުމުން، އޭނާއަށް އަލުން ވަޒީފާ ދީ ކޮމިޝަނަރުގެ މަގާމަށް ހަމަޖެއްސެން އޮތީ އެ މައްސަލަ ނިމުމުންނެވެ.