އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކާ ގުޅިގެން، އެ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި އެދުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް އިދިކޮޅުގައި އޮތް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރި ތުހުމަތުތަކަކީ:
- އެތައް ހާސް އިންޑިއާ ސިފައިން ބޭތިއްބުން
- ރާއްޖޭގެ ކަނޑުން ސަރަހައްދެއް ވިއްކާލުން
- ދައުލަތް ޝާމިލްވެ ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވުން
އެހެންކަމުން ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅި ގަރާރުގައި ވަނީ އިދިކޮޅުގެ މި ތުހުމަތުތައް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި އެދުމަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން ދެން އެމްޑީޕީން ހުށަހެޅީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ޕާޓީގެ ވަގުތީ ރައީސް ކަމަށް ހަމަޖެއްސުމަށެވެ.
އެ ދެ ހުށަހެޅުން ވެސް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މީގެ ދެ މަސްދުވަސް ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ކެމްޕެއިން ދަތުރުފުޅެއްގައި އައްޑު އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އޭރު ނާކާމިޔާބުވުމަށް ދިމާވި އެއް ސަބަބުގެ ގޮތުގައި ސޯލިހު ފާހަގަކުރެއްވީ، އޭރުގެ ދިކޮޅުން ތަކުރާރުކޮށް ފެތުރި ވާހަކަތަކުގެ ހަގީގަތް ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދެވިފައި ނުވާކަމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ، އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ގާއިމްވެ ތިބެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެކަމަކު އެ ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިބީ ކިތައް ސިފައިން ކަމާއި ނިމިދިޔަ ސަރުކާރުގައި ތިބީ ކިތައް ސިފައިން ކަން ހާމަނުކުރައްވައެވެ.
މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ވައުދުތަކުގެ ތެރޭގައި، ކަނޑު މައްސަލައިގައި އިޓްލޮސްގައި މައްސަލަ އިސްތިއުނާފުކުރުމާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުން ހިމެނެއެވެ.
އެއިރުގެ ސަރުކާރުގެ ވައްކަންތަކާ، ދައުލަތުގެ ފައިސާ ނުހަމަ ގޮތުގައި ބޭނުންކުރި މައްސަލަތައް ބަލާ އެފައިސާ ދައުލަތައް ހޯދައިދިނުން މާ މުހިއްމު ވާނެ.