އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން އއ. އުކުޅަހަށް ވަޑައިގެންފިއެވެ.

އެ ޖަލްސާއަށް އުކުޅަހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ މިދިޔަ ސަރުކާރުގެ ވަޒީރުންގެ އިތުރުން މަޖިލީސް މެންބަރުންނާ އެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައެއް ނުގަންނަވާނެއެވެ.

މިރޭޭގެ ޖަލްސާގައި ކުރިއަށް ރޭވިފައިވާ ކަންތައްތަކާމެދު މަޝްވަރާކުރުން ކުރިއަށް ގެންދަން ނިންމާފައިވާއިރު ބެލެވޭ ގޮތުގައި މި ޖަލްސާގައި ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކަންކަން މަޝްވަރާކުރުން ކުރިއަށްދާނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭގައެވެ. އެ ޖަލްސާގައި ކުރީގެ ރައީސް ސޯލިހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބޭއްވި އެ ޖަލްސާ ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް ނިންމާފައެވެ.