ނިމިދިޔަ ސަރުކާރުން ނިންމާނެ ކަމަށް ބުނި ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައިފިއެވެ.

ކުރީގެ ރައީސް ސޯލިހު ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަ މާލެ ބްރިޖްގެ މަސައްކަތް ނިންމާ އާންމުންނަށް ބޭނުން ކުރެވޭނެ ކަމަށް ބުނެ މީގެ ކުރިން ވަނީ އެކި ތާރީހުތައްވެސް ދީފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ބްރިޖު ނިމި އާންމުންނަށް ބޭނުން ކުރެވޭ ވަރު ވެފައެއް ނުވެއެވެ.

ސަރުކާރު ހިންގުމާ ހަވާލުވުމަށްފަހު އެ މަޝްރޫއާ ގުޅިގެން މި ސަރުކާރުން ބުނީ، ބްރިޖުގެ މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން، އެ މަޝްރޫއުގެ ބޮޑުބައެއް މިހާރު އޮންނަން ޖެހޭނީ ނިމިފައިވީ ނަމަވެސް، މިހާތަނަށް ނިންމާފައި ވަނީ އެންމެ 23 ޕަސެންޓު ކަމަށެވެ.

ތިލަމާލެ ބްރިޖްގައި މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުއިއްޒު ބައްލަވާލެއްވުން / ފޮޓޯ: އައިޝަތު ޝާޒްލީން، ދަ ޕްރެސް

އަދި ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިމާވާ މައްސަލަތައް ދެނެގަތުމުގެ މަސައްކަތްތައް ސަރުކާރުން ބަލަމުންދާ ކަމަށާއި ބްރިޖް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓުގައި 827 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް މި ސަރުކާރުން ބުނެފައި ވެއެވެ. އެއާއެކު ފުރަތަމަ ފަހަރަށް މުއިއްޒު މިވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް އަމިއްލަފުޅަށް ބައްލަވާލައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް(ސެންބެ) ވެސް ވަނީ އެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލައްވާފައެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ މި މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއަަށް 8.2 ބިލިއަން ރުފިޔާ ހަރަދު ވެއެވެ.

ތިލަމާލެ ބްރިޖްގައި މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުއިއްޒު ބައްލަވާލެއްވުން / ފޮޓޯ: އައިޝަތު ޝާޒްލީން، ދަ ޕްރެސް

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

ތިލަމާލެ ބްރިޖްގައި މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުއިއްޒު ބައްލަވާލެއްވުން / ފޮޓޯ: އައިޝަތު ޝާޒްލީން، ދަ ޕްރެސް

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.