ހުސްވެފައިވާ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އިންތިހާބުކޮށްފިއެވެ.
އެމްޑީޕީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ތިން މެންބަރުން ވަނީ ކުރިމަތިލާފައެވެ. އެއީ ބިގޭގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް އަދިކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހުވުމަށް ބޭއްވި ބައްދަލުވުމުގައި ބިގޭއަށް 28 ވޯޓު ލިބިވަޑައިގެންނެވިއިރު ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އަދި އަބްދުލް ޣަނީއަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.
އެ މަގާމުގައި ކުރިން ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެހެން ނަމަވެސް އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އަސްލަމް މިހާރު ހުންނެވީ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.
މަޖިލީހުގެ ރައީސްކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އާ ރައީސެއް ހޮވުމަށްޓަކައި ބޭއްވި ޖަލްސާގައި ޑިމޮކްރެޓުންގެ ޕީޖީ ލީޑަރު އާޒިމާ ވާދަކުރައްވައި އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ 30 ވޯޓުގެ ތަފާތުންނެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް އަސްލަމް އިންތިހާބުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ދައުރު ހަމަވުމުން އެ މަގާމަށް މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައެވެ.