ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު އަބްދުއްރަހީމަށް ތޫނު އެއްޗަކުން ހަމަލާދީ، މަރާލި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ހައިކޯޓުން އަމުރު ނުނެރެދިނުމުން ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އެކަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވަނީ "ދަ ޕްރެސް" އަށް ކަށަވަރުކޮށްދެއްދީފައެވެ.

ނަދީމް މަރާލި މައްސަލަ އާއި ގުޅިގެން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހިމެނޭހެން ދައުލަތުން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ.

އެގޮތުން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ހުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށް އުފުލިއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އެ އެންމެންގެ މައްޗަށްވެސް ކުށް ސާބިތުވެފައި ނުވާ ކަމަށް ނިންމުމާ ގުޅިގެން ދައުލަތުން ހައިކޯޓުގައި މިދިޔަ އަަހަރު މައްސަލަ ވަނީ އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުގައި ދައުލަތުން ބުނީ އެ މައްސަލައަކީ މަރުގެ މައްސަލައެއް ކަމަށް ވާއިރު އިސްތިއުނާފް މަރުހަލާގައި އެ މީހުން ބަންދުން ދޫވެފައި ތިބެއްޖެނަމަ އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. މީގެ އިތުރުން ދައުލަތުން ބުނެފައިވަނީ ނަދީމްގެ މަރުގެ މައްސަލަ ނިންމި ފަހުން ވެސް، މަފާޒްގެ އެހެން ކުށުގެ ރެކޯޑްތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ މީހުން ބަންދުކުރަން އަމުރު ނުދެވެނޭ ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

ޖުލައި 27، 2017 ގައި ހަވީރު ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ ބަޔަކު އައިސް ނަދީމް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލަދީގެންނެވެ. ނަދީމަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުންނެވެ.