ޔަހޫދީ އިޒްރޭލާއި ހަމާސް އާ ދެމެދު ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލަން ނިންމުމާ ގުޅިގެން ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށް، އެމެރިކާ އާއި އިޒްރޭލާއި އަދި ހަމާސް އެއްބަސް ކުރުވި ވަގުތީ އެއްބަސް ވުމުގެ ދަށުން ހަމާސް އިން އަސީރު ކުރި މީހުންގެ ތެރެއިން 50 މީހަކު ދޫކޮށްލުމާއި، އެއިން ކޮންމެ މީހަކަށް އިޒްރޭލުން ރަހީނު ކުރި ފަލަސްތީނުގެ މީހުންގެ ތެރެއިން 3 މީހުން ދޫކޮށްލަށް އެއްބަސް ވެފައި ވެއެވެ.

މީގެ އިތުރުން 4 ދުވަހަށް ހަމަލާތައް މެދުކަނޑާލުމާއި، ގާޒާގެ މަތިން އުދުހޭ ޖާސޫސީ ޑްރޯންތައް އުދުހުން ކޮންމެ ދުވަހަކު 6 ގަޑިއިރަށް ހުއްޓާލުންވެސް ހިމެނެއެވެ. މި ވަގުތީ އެއްބަސްވުމުގެ ދަށުން ހަމާސް އިން އަސީރުން ދޫކުރަމުން ދާނީ 4 ދުވަހަށް ބަހާލައިގެންނެވެ. އެ މުއްދަތުގައި އިޒްރޭލުންވެސް ފަލަސްތީނުގެ ރަހީނުން ދޫކުރަމުން ގެންދާނެއެވެ. 4 ދުވަސް ނިމޭއިރު ޖުމްލަ 150 ރަހީނުން މިނިވަން ކުރަން ވަނީ އެއްބަސް ވެފައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ގަތަރުން އިސްވެ އޮޮވެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ދަތި ދަނޑިވަޅެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވަނީ ހަމަނުޖެހުންތައް މުޅިން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުމުގެ ދަށުން އެ މުއްދަތުގައި އިޒްރޭލުގެ ހުރިހާ އަސްކަރީ ހަރަކާތެއް ހުއްޓާލާނެ ކަމަށެވެ. އަދި ގާޒާއަށް ބޭނުންވާ ބޯފެނާއި ކާބޯތަކެއްޗާއި ތެލާއި ބޭސް ލިބޭނެ ކަމަށެވެ. އެއީ މިހާރުވެސް ގާޒާގެ ބޯޑަރު ސަރަހައްދުގައި އޮތް އެހީގެ ގާފިލާގެ ވާހަކައެވެ. އެ ގާފިލާގައި ހިމެނޭ އެތައް 100 ޓްރަކަކަށް ގާޒާއަށް ނުވަދެވި އޮންނަން ޖެހިފައިވަނީ އިޒްރޭލުން ހުއްދަ ނުދީގެންނެވެ.

އިޒްރޭލާއި ހަމާސް އިން އެއްބަސްވުމަކާ ހަމައަށް އައިއިރު، އިޒްރޭލުން ވަނީ 2.3 މިލިއަން މީހުން ދިރިއުޅޭ ގާޒާގެ 85 ޕަސެންޓް ފުނޑުފުނޑު ކޮށްލާފައެވެ. 14،000 މީހުން ޝަހީދު ކޮށްލައިފިއެވެ. 1.7 މިލިއަން މީހުން ވަނީ ގެދޮރުން ނެރެ ފައްސާލާފައެވެ. 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.