ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ދިގުދެމިގެން ގޮސް ލަސްވާ މައްސަލަ ހައްލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓާލުމަށް ފަހު ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ކޯޓުތަކަށް މަޖިލިސްކުރާގެ ދިނުމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހިޔާލު ހުށަހަޅުއްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ، ޝަރީއަތްތައް ލަސްވާ މައްސަލައިގައި ބައެއް އާންމުން ކޮމިޓީ އާ ބައްދަލުކުރުމަށް އެދި ސިޓީ ހުށަހެޅި މައްސަލައިގައި މަޝްވަރާކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ޝަރީއަތްތައް ލަސްވާ މައްސަލައަކީ ގިނަ މީހުން ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ކުދި މައްސަލަތަކުގައި ވެސް މުއްދަތްތައް ދިގުވެ ޝަރީއަތްތައް ނުހިނގާ ވާހަކަ އަބަދު ވެސް ދެކެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގައި ޖޭއެސްސީ އާއި ކަމާގުޅުންހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ޝަރީއަތްތައް ދިގުލައިގެން ދާ ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮމިޓީއަށް ހާޒިރުވާ ބައެއް ފަރާތްތަކުން ބުނާ އެއް ވާހަކައަކީ ކޯޓުތަކުގައި ޖާގައިގެ ދަތިކަން ހުންނަ ވާހަކައެވެ.
"އެހެން އެގޮތަށް ވަނީނަމަ އަޅުގަނޑު ބޭނުން އެބަވޭ އިނގޭތޯ، އަޅުގަނޑު އެދެން، މި ކޮމިޓީއަށް ހުށަހަޅަން ވެސް ހުށަހަޅަން، މަޖިލީހުގެ ޖަލްސާތައް ހުއްޓާލުމަށް ފަހުގަ މި މަޖިލިސް އެއްކޮށް ކޯޓުތަކަށް ދޭން މި މަސައްކަތްތައް ކުރިއަށް ގެންދަން، މިއީ އެތައް ރައްޔިތުންގެ ހައްގުތައް އެތައް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންތައްތަކަށް ވާތީ،"
ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި:
- ބައެއް މައްސަލަތައް ކޯޓުގައި 10 އަހަރާއި 20 އަހަރާ ދެމެދު ތާށިވެފައި އޮވޭ
- މައްސަލަތައް ނުނިމެނީސް ބައެއް މީހުން ދުނިޔެ ދޫކޮށްފައިވޭ
- އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަން ދޭން ޖެހޭ
އޭނާ ވިދާޅުވީ ކޯޓުތަކަށް ގާޒީން އައްޔަންކުރަން މަޖިލީހުން ރުހުން ދެނީ އަދުލުވެރި ބައެއް ކަމަށް ދެކިގެން ކަމަށާއި، ނަމަވެސް ހިތަށް އެރި ގޮތަކަށް ގާޒީން ބައެއް މައްސަލަތައް ކުރިއަށް ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.
"މިސާލަކަށް ބެންޗަކަށް ތިން ބޭފުޅުންގެ ބެންޗެއް އެކުލެވޭއިރުގަ އަބަދު އެއް ބޭފުޅަކު އެއް ގާޒީއަކު ހުންނަވަނީ ޗުއްޓީގަ، އެ މައްސަލައެއް ނުހިނގާ، ފުރަތަމަ އަޑުއެހުން ނުބޭއްވި އެބަދޭ އެއް އަހަރު ދެ އަހަރު ތިން އަހަރު، މިއީ ރާއްޖޭގެ [އިތުރުން] ދުނިޔޭގެ އެއްވެސް ގައުމެއްގަ އެއްވެސް ބަޔަކު ގަބޫލުކުރާނެ ނިޒާމެއް ނޫން، އެހެންވެ، ރައްޔިތުންނަށް ތިންބާރު ވަކިވެފަ އޮތް ނިޒާމެއްގެ ދަށުން އަދުލު އިންސާފު ޔަގީނޭ އެހެން ބުނެވޭކަށް ނެތް،" ޝާހިދު ވިދާޅުވިއެވެ.
"އަލުގަނޑުމެން މި ތިބީ މަޖިލިސް ހުއްޓާލާފަ މަޖިލިސް ވެސް ދޭން، ރައްޔިތުންނަށް އިންސާފު ގާއިމްކޮށްދިނުމަށް މަޖިލިސް ވެސް ދޭން، މަޖިލީހުގެ ކޮންމެ ކޮމިޓީ ރޫމެއް އަޅުގަނޑުމެން ދޭނަން ކޯޓު ރޫމެއްގެ ގޮތުގަ، މިއަކީ ކޮންމެހެން ވަކި ބޮޑު އިމާރާތެއް ހުރެގެން ކުރާ މަސައްކަތެއް ނޫން،"
ޝާހިދުގެ ވާހަކައަށް ތާއީދުކުރައްވައި އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވީ ޖުޑީޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކޮށް، ނުނިމިހުރި ޝަރީއަތްތަކުގެ ތަފްސީލު ކޮމިޓީއަށް ހޯދުމަށެވެ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތާއީދުކުރެއްވި އެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ވަނީ އެ ދުވަހު ބަލައިގެންފައެވެ.
މި މައްސަލައިގައި ޖުޑީޝަރީ ކޮމިޓީގެ މެންބަރުން ވަނީ ޝަރީއަތްތައް ދިގުލައިގެންދާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށް، މިއީ އަވަހަށް ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.